ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ ހޭންޑް ބޯލް މުބާރާތް މިއަދު ފަށައިފިއެވެ.
"މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2021'' ނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ މަކުނުދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވާއިރު އެ ޓީމް ތަކަކީ "ބަދަހި"، "ސްޕްރިޓް"، "ޒައިޒީ" އަދި "މާމުޑާ" އެވެ.
މިއަދު މި މުބާރާތުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. މިގޮތުން މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ "ބަދަހި" އަދި "ސްޕްރިޓް"އެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ "ޒައިޒީ" އަދި "މާމުޑާ" އެވެ.
މަކުނުދޫ ސްޕޯޓްސް އެރީނާގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލްމެޗް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު 16:30 ގައެވެ.
ހޭންޑް ބޯލްއަކީ މަކުނުދޫގެ ކަނބަލުންގެ މެދުގައި ވަރަށް ފޯރީގައި ކުޅެވެމުންއަންނަ ކުޅިވަރެކެވެ.
މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ގޭތެރޭގައި ކަރަންޓަށް ދިިމާވާ ކުދިކުދި ކަންކަން ހައްލު ކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ސެޕްޓެމްބަރު މަހު ތެރޭގައި ވަނީ ރަށުގެ ސިއްހީ މަރުކަޒާ ގުޅިގެން ފަސްޓް އެއިޑް ޓްރޭނިންއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ވެސް ގިނަ ހަރަކާތްތަކެއް ވަނީ އެ ކޮމެޓީން ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!