ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކެލާގައި ކުރިއަށް ގެންދާ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ގައި ކުޅުނު ދެ މެޗު ވެސް ކެލަވަކި ޓީމުން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގައި 15 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހު ދެ މެޗު ކުޅެފައިވާއިރު، ހުކުރު ދުވަހު ހެނދުނު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ސިއްސުވާލިއާއި ޓީމް ނާޅިއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ސިއްސުވާލި ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސިއްސުވާލި ޓީމްގެ ޖޯޒީ ނަމްބަރު 6 ފާތިމަތު ތޮހޫރާއެވެ.
މި މުބާރާތުގެ ހަތަރުވަނަ މެޗުގައި ހުކުރު ދުވަހު ހަވީރު ބައްދަލު ކޮށްފައި ވަނީ ކެލަވަކި ޓީމާއި ޓީމް މުޅި ފޯ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކެލަވަކި ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކެލަވަކި ޓީމްގެ ޖޯޒީ ބަމްބަރ 12 ޝަހުމީލާ އަބްދުލް ހަކީމެވެ.
މުބާރާތުގައި ކެލަވަކި ޓީމުން ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ކެލާ ނާޅި ޓީމުން މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. މުޅި ފޯ ޓީމުން ދެ މެޗު ކުޅެފައިވާއިރު އެ ޓީމް އެއް މެޗުން ބަލިވެ އެއް މެޗުން ވަނީ މޮޅުވެފައެވެ. ޓީމް ސޭފްސެޓް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު ޓީމް ސިއްސުވާލި ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ހަވީރު 15:40 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ޓީމް މުޅި ފޯ އާއި ޓީމް ސިއްސުވާލިއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރަމުން އަންނައިރު އެ ޓީމް ތަކަކީ ކެލާ ނާޅި، ކެލަވަކި، މުޅި ފޯ، ސިއްސުވާލި ޓީމްގެ އިތުރުން ޓީމް ސޭފްސެޓްއެވެ. މި މުބާރާތަކީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެގިނަ ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލްގައި ކުޅޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތަކީ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން" ވޮލީ މުބާރާތުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ރަސްމީ މީޑިއާރ ޕާރޓްނަރުގެ ހައިސިއްޔަތުން "ތިލަދުން" އިން މުބާރާތުގެ ކަވަރެޖް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!