އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިސްނަގައިގެން ރާއްޖޭގައި ހިންގާ ތިން ލޯފާމަކާއި ގުޅިގެން މުޖުތަމަޢުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް "އިމަގު އުންސިލަ" ނަމުގައި ހަރަކާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ހަރަކާތަކީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކަށް މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމާއި އިހަވަންދޫގެ މުޖުތަމައުގައި ތިބި ކޮންމެހެން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަކި ދާއިރާތަކަކުން ޤާނޫނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ޤާނޫނީ ކަންކަމުގައި ރައްޔިތުންނަށް ދާންވީ މަގު ދައްކައި ދިނުމުގެ މަޤުޞަދުގައި އިމަގުން ފަށާ ހަރަކާތެކެވެ.

Ad
rt

އިމަގު ޖަމްޢިއްޔާއާއި އެޑުއަގާޑޯ ލޯފާމް އަދި ލީގަލް އެއިޑް ލޯފާމްގެ އިތުރުން ސަމީރު އެންޑް ޝަމާމް ލޯފާމާއިއެކު މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައި ވަނީ 04 އޮކްޓޯބަރ 2021 ގައެވެ. އިހަވަންދޫއަކީ ގިނަ އަދަދެއްގެ ލޯޔަރުން ތިބި ރަށަކަށްވީއިރު މި ތިން ލޯފާމަކީ ވެސް އިހަވަންދޫއަށް ނިސްބަތްވާ ތިން ފަރާތެއްގެ ހިއްސާ އޮންނަ ތިން ލޯފާމެވެ.

އިމަގު ޖަމްޢިއްޔާއަށް 25 އަހަރު ފުރުމާއި ގުޅުވައިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރު ކުރުމަށްޓަކައި ފަށަން ނިންމާފައިވާ މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން އިމަގު ޖަމްޢިއްޔާގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަޙްމަދު ރަޝީދު ވިދާޅުވެފައި ވަނީ މި ހަރަކާތް އަމާޒުކުރެވިފައި ވަނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށް ކަމަށެވެ. މިގޮތުން ފުރަތަމަ ދާއިރާއަކީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހިންގުން ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ހިންގާ ސެޝަންތައް އޮންލައިންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެވަނަ ދާއިރާ އަމާޒުކުރެވިފައި ވަނީ ސީދާ އިހަވަންދޫއަށެވެ. އެ ދާއިރާއަކީ އެ ރަށުގައި ގެވެށިއަނިޔާއާއި ހަލޯނާތާއި، ޚަރަދުދިނުން، ހިބަކޮށްދިނުން ފަދަ މައްސަލަތަކާއި ގުޅިގެން ޤާނޫނީ މަޢުލޫމާތާއި ލަފާ ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރެއިން ޤާނޫނީ އެހީތެރިކަނަ ދިނުމަށް ނިންމާފައިވާ ތިންވަނަ ދާއިރާއަކީ މުޖުތަމަޢުގައި އުޅެމުން އަންނަ އެންމެންނާއި ސީދާގުޅުންހުރި އަދި އެންމެން ޝާމިލްވާ ފަދަ ކަންކަމުގައި ޤާނޫނީ ލަފާދީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ސައުދުﷲ ވަނީ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ތިން ލޯފާމަށް ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ.