ޤައުމީ އިނާމް ދިނުމުގެ ރަސްމިއްޔާތު މި ރޭ އޮންނާނެ ކަމަށާއި، އެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެ ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ޤައުމީދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނީ މި ރޭ 8:45ގައި ޖުމްހޫރީ މައިދާނުގައެވެ.
މި ޖަލްސާގައި ރައީސް ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާގޮތައް ހަމަޖެހިފައިވާއިރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން ވެސް އެ ރަސްމިއްޔާތުގައި އޮންނާނެއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.
މީގެއިތުރުން ކީރިތި ޤުރުއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 11 ޙާފިޡުންނަށް ރައިސުލް ޖުމްހޫރިއްޔާ ދެއްވާ ޙާއްސަ މެޑަލްވެސް މި ޖަލްސާގައި ދެއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހި ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ މީލާދީ ގޮތުން އޮކްޓޯބަރު 7 ވަނަ ދުވަހާއެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވީ 1573މ. ގައެވެ.
ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!