ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައި ވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެދޭކަމަށެވެ.

Ad
rt

މިގޮތުން ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް ވެސް ވަނީ އިލްތިމާސްކުރަށްވާފައެވެ.

އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމާއެކު އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިލައްވާފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކުރިއިރު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އިންޒާރުދީފައެވެ.

މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައި ވަނީ މިއަދު މެންދުރުފަހު 10:00 އިން ފެށިގެން އިރުއޮއްސި 12:30 އާއި ހަމައަށެވެ.

މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. މީގެއިތުރުން ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 55 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.