ދުނިޔޭގެ އެންމެ ބޮޑު ނިއުސް އެޖެންސީ ސީއެންއެން ގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ.

Ad
rt

މި އެއްބަސްވުމަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށް އެ އެމްއެމްޕީއާރުސީން ބުންޏެވެ.

ތޮއްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތައް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެންއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީއިން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެންއެންގައި ރާއްޖެ އިޝްތިހާރު ކުރާނީ ޑިސެންބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓުތަކާއި ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ވާހަކަތައްވެސް ސީއެންއެން ޓްރެވަލްގައި ޝާއިރު ކުރާނެއެވެ.

މިއަހަރު ސީއެންއެންއިން ވަނީ ކޯވިޑްގެ ހާލަތުގައި ވެސް ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކޮށްދީފައެވެ.