ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު މިއަދު ށ. ފުނަދޫ އަށް ވަޑައިގަންނަވައިފި އެވެ.
ރައީސްގެ ދެ ކަނބަލުން ފުނަދޫ އަށް މި ވަޑައިގަތީ އެ ދެކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައެވެ.
ރައީސްގެ ދެ ކަނބަލުން ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތަށް ލުއި ލިބިފައިވުމާއެކު އަތޮޅުތެރޭގެ ޙާލަތު ބައްލަވާލައްވާލެއްވުމަށް ކުރަށްވާ މި ދަތުރުފުޅުގައި ފުނަދޫއަށް ޒިޔާރަތްކުރައްވާ ރައީސް ވަނީ ށ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި ފުނަދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
President @ibusolih and First Lady tour Funadhoo Hospital, assessing the current situation of the hospital and enquiring on how to increase efficiency of health services provided to residents. pic.twitter.com/wCK5N0RlHa
— The President's Office (@presidencymv) September 7, 2021
މީގެއިތުރުން ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލަށް ވެސް އެ ދެކަނބަލުން ވަނީ ޒިޔާރަތް ކުރައްވާފައެވެ. މީގެއިތުރުން ފަސްޓް ލޭޑީ ފަޒްނާ ވަނީ ފުނަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތް ކުރައްވާފައެވެ.
ރައީސްގެ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ރަށްތަކުގައި ހިނގަމުން އަންނަ ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގޮސްފައިވާ މިންވަރު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށްތަކުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާ ހާލަތު ބައްލަވާލެއްވުމަށްފަހު އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
First Lady Fazna Ahmed visits the Family and Children’s Services Centres (FCSCs) by @MoGFSS located at Funadoo Island, and inquires on the needs of the centre to improve services rendered through the Atoll. pic.twitter.com/0IVLAQGpQU
— The President's Office (@presidencymv) September 7, 2021
އަދި ޒިޔާރަތްކުރައްވަން ހަމަޖެހިފާވާ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ދަނޑުވެރިންގެ އިތުރުން މަސްވެރިންނާވެސް ބައްދަލުކުރައްވަން ހަމަޖެހިފާވާކަމަށް މައުލޫމާތު ލިބެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ށ. ފުނަދޫގެ އިތުރުން އެ އަތޮޅު ޅައިމަގާއި ފޯކައިދޫ އަދި މާއުނގޫދޫ އަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރ އަތޮޅުގެ 4 ރަށަކަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ޒިޔާރަތްކުރެއްވުމަށް ނިންމަވާފައެވެ. އޭގެތެރޭގައި ހިމެނެނީ ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ.
ފުނަދޫ އަށް ކުރަށްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ށ. ޅައިމަގަށެވެ.
އަދި މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ ކެބިނެޓްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!