'އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް' މަޝްރޫޢާ ގުޅޭ ގޮތުން ޕްލޭނިންގް މިނިސްޓްރީގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މި މަޝްރޫޢުއާއިގުޅޭ ސްޓީރިން ކޮމިޓީގެ 26 ވަނަ ބައްދަލުވުމެވެ.

Ad
rt

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަށްތަކުގައި ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފާވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ފެރީ ޓިކެޓު ނެގުމަށް ބޭނުންކުރާނެ އޮޓޮމޭޝަން ސިސްޓަމުގެ ޑެމޯއެއް ހުށަހަޅާ، އެކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނުކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިއްޔެ އެ މިނިސްޓްރީން ތިލަފުށި ގަލްފް ކްރާފްޓް ސައިޓަށް ކުރި ދަތުރުގައި އެ ފަރާތްތަކަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ހަމަޖެހިފައި ވަނީ ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ އަތޮޅުގައެވެ. މިގޮތުން ބައެއް ރަށްތަކުގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބޮޑުތޮލަދުންމަތީގެ ތިން އަތޮޅުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއެވެ. އެ ކުންފުނިން ވަނީ މިއަހަރު ނިމުމުގެ ކުރިން އެ ޚިދުމަތް ފަށައިގަންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުންކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް” އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

މި ގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ “ކޮމިއުޓް ލިންކް،” “ނަން-ކޮމިއުޓް ލިންކް،” އަދި “ހައިވޭ ލިންކް” މެދުވެރިކޮށެވެ.