ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޗައިނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ..

Ad
rt

ރައިސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޒިންގެ ކުރިން ޗައިނާގެ ސަފީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ލިޒިންގެ ސަފީރުކަމުގެ ދައުރުގައި ވެސް އިތުރަށް ދެ ޤައުމުގެ ގުޅުން ބަދަހިވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ..

ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް އެ އފޯހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު އެކަމަނާއަށް ލިބިވަޑައިގަތުމަކީ ލިބުނު މަތިވެރި ޝަރަފެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އަދި އެކަމަނާ ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަގާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވެ ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.