ކޯވިޑް ބަލީގެ ބިރުވެރިކަން ބޮޑުވެ، ހިތްދަތި ތަޖުރިބާ ކުރަމުންދާ ހދ. ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މީހުންނަށް ނޮޅިވަރަމް، ސަވާރީ، އަބްދުލް މާޖިދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން މިވަގުތު ނޮޅިވަރަމްގެ ކަރަންޓީނު ކުރެވިފައިވާ 120 ގެއިންކުރެ ކޮންމެ ގެއަކަށް މާޖިދު ވަނީ ހަދިޔާ ޕެކެއް ދީފައެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ "ތިލަދުން"އަށް ވިދާޅުވީ މާޖިދުގެ މި ދީލަތި އެހީތެރިކަން މިވަގުތު އެރަށުގައި ކަރަންޓީނު ކުރެވިފައިވާ ގެތަކަށް އިއްޔެ ފޯރުކޮށްދީފައިވާނެ ކަމަށެވެ.
"ނޮޅިވަރަމަށް އުފަން ނޮޅިވަރަމުގެ ދަރިޔެއްކަމަށްވާ އަބްދުލް މާޖިދު ނުވަތަ އަޅުގަނޑުމެން ކިޔާ ގޮތުންނަމަ މާޖި ކުޑޭގެ ފަރާތުން ކޮވިޑު ބަލީގައި މިވަގުތަށް ކަރަންޓީނުކުރެވިފައިވާ ގެތަކަށް އެހީތެރިކަމެއް މި ފޯރުކޮށްދިން އެހީތެރިކަަމަށް މާޖިދަށާއި މާޖިދުގެ އާއިލާގެ އެންމެހާ ފަރާތްތަކަށް ނޮޅިވަރަމް ކައުންސިލްގެ ނަމުގައި ހިތުގެ އިޚްލާސްތެރިކަމާއެކީ ޝުކުރުދަންނަވަން." މުސްތަފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދަނޑިވަޅުގައި ނޮޅިވަރަމުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތްތައް ދިއްކޮށްލާ އެންމެހާ ފަރާތްތަކަށް ނޮޅިވަރަމް ކައުންސިލުން މަރުޙަބާ ކިޔަން ތައްޔާރަށް އޮތްކަމަށާއި، ލިބޭ އެހީތެރިކަމެއް ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ކަމަށެވެ.
މާޖިދު ފޯރުކޮށްދިން ނޮޅިވަރަމްގެ ކަރަންޓީނު ކުރެވިފައިވާ ގެތަކަށް ބެހެމުގެ ތެރެއިން
މި ހައްސާސީ ދަނޑިވަޅުގައި ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގެ އެންމެހާ މުވައްޒަފުންނަށާއި ކައުންސިލުން އެދިލައްވާ ކޮންމެ އެދިލެއްވުމަކަށް ފަސްޖެހުމެއްނެތި ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ނުހަނު ލޯތްބާއެކީ ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ސަބަބުން މިދިޔަ އޯގަސްޓް 29 ވަނަ ދުވަހުން ފެށިގެން އަރާ ފޭބުން މަނާކޮށްފައިވާ ނޮޅިވަރަމަށް، ހދ. ކުޅުދުއްފުށީ ސިޓީގެ ފަރިރީތި ފިހާރަ އަދި އެޑްމޭން އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެ ދެ ފިހާރައިގެ ފަރާތުން ނޮޅިވަރަމް ރައްޔިތުންނަށް ފޯރުކޮށް ދިނީ 1.2 ޓަނުގެ ތާޒާ ކަނޑުމަހެވެ.
28 އޯގަސްޓް ކްލާސްޓާއާއި ގުޅިގެން ނޮޅިވަރަމުން މިހާތަނަށް 156 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!