ކޯވިޑްގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ހއ. ތަކަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ޓްރަވަލް ހިސްޓްރީ އެއްވެސް ނެތް މީހަކު ބަލީގެ އަލާމާތް ފެނިގެން ޖުލައި 29 ވަނަ ދުވަހު އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކުމުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

Ad
rt

އެމީހާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެރަށް ބަންދުކުރީ ވެސް އެދުވަހުއެވެ. އަދި އެރަށް އާންމު ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 16:49ގައެވެ.

ތަކަންދޫ އާންމު ހާލަތަށް ގެނައުމަށްޓަކައި، އެކި ފަހަރު މަތިން އެރަށުން ވަނީ ރެންޑަމް ސާމްޕަލްތައް ވެސް ނަގާފައެވެ.

ޖުލައި 30 ޕޮޒިޓިވް ކޭހާއި ގުޅިގެން އެރަށުން 55 މީހަކު ޕޮޒިޓިވްވިއެވެ.

ތަކަންދޫ އާންމު ހާލަތަށް ގެނައިރު، އުތުރުން ށ. މިލަންދޫ އިއްޔެ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެރަށް އެ ހާލަތަށް ގެނައީ ފްލޫ ކްލިނިކަށް ދެއްކި ބޮޑު މީހަކާއި، ކުޑަ 3 ކުދިން ޕޮޒިޓިވްވެގެންނެވެ. އަދި އެ އަތޮޅު ކަނޑިތީމު ފްލޫ ކްލިނިކަށް ދެއްކި ސްކޫލް ދަރިވަރަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.