ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި ބައިނަލްއަގުވާމީ ޔޮޓު ރެލީއެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް އިންޓަގްރެޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މިއަދު މިކަން އިއުލާންކޮށްފައިވާއިރު، މި ޔޮޓް ރެލީ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ.
މިގޮތުން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މި ރެލީ އަކީ ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކާޒާ ގުޅިގެން ބާއްވާ ހަރަކާތެއްކަމަށް މައުލޫމާތު ލިބެއެވެ.
މި ހަރަކާތް ލޯންޗު ކޮށްދެއްވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ކޯ ފައުންޑާ ސަލާހު ޝިހާބެވެ. މި ހަރަކާތް ލޯންޗު ކުރުމަށް ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއައިޓީޑީސީގެ އިސްވެރިންނާއި އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
މި ޔޮޓު ރެލީގައި ރާއްޖޭގެ 15 ރަށަކަށް ޔޮޓުތައް ދަތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކާއި ފަޅު ރައްތަށް ވެސް ހިމެނެ އެވެ.
އެރައްތަކަކީ، ހއ. އަތޮޅުން އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު، އަދި ބާރަށާއި، ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި ސިޓީ، ކޭލަކުނާއި އަދި ށ އަތޮޅުން ފުނަދޫ، ނަލަންދޫ، ލަންދޫ އެވެ. މީގެއިތުރުން ބ. ތުޅާދޫއާއި، ހަނިފަރު ބޭ އާއި ބިލެއްދޫ ތިލައަށް ވެސް ދަތުރުކުރާނެ އެވެ.
Our Official Launching Event of “Savaadheeththa Dhathuru” 2022 International Yacht Rally is off to a wonderful start.#OfficialLaunch #SavaadheeththaDhathuru #InternationalRally #YachtRally #Rally #Journey #Maldives pic.twitter.com/rgNe5OOME1
— Savaadheeththa Dhathuru (@savaadheeththa) August 23, 2021
"މި ދަތުރުގައި ދާ ރަށްތައް ނެގުމުގައި ވެސް އަޅުގަނޑުމެން ބޮޑުތަކުރުފާނުގެ ހަޔާތުގެ ބައިތައް ދައްކުވައިދޭ އާސާރުތައް ހިމެނޭ ރަށްތަކާއި މިފަދަ ދަތުރެއްގައި ފަސޭހައިން ދަތުރު ކުރެވޭ ރާސްތާއަކަށް ބަލަފާއިވާނެ. މިއީ މި ދަތުރުގައި ބައިވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކާއެކު މުޅި ދުނިޔެއަށް މި ރަށްތައް އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް،" މި ރެލީއާއި ގުޅޭގޮތުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެފަވެއެވެ.
އެމްއައިޓީޑީސީން ވަނީ "ސަވާދީއްތަ ދަތުރު"ގެ ލޯގޯ އާއި ވެބްސައިޓު އަދި ލަވަ ވެސް މިހާރު ތައާރަފުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!