ތުރުކީގެ އިޒްމީރުން ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ޕްރޮވިންސުގެ އޮތޯރިޓީން ބުނެފިއެވެ.

އިޒްމީރު މެޑިކަލް ޗެމްބާ އެނޑް އެސޯސިއޭޝަން ފޯ ކްލިނިކަލް މައިކްރޮބަޔޮލޮޖީން ބުނެފައިވާގޮތުގައި ގިނަ ވޭރިއަންޓުތަކެއް އެ ޕްރޮވިންސުން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް އެނގިފައިވާ އަލްފާ އާއި ބޭޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

ރިޕޯޓުތައް ދައްކާގޮތުގައި ޕީސީއާރު ކިޓުތައް ބޭނުންކޮށްގެން ސާމްޕަލްތައް މިހާރު ފެނިފައިވާ ވޭރިއަންޓުތަކަށް ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ވޭރިއަންޓަކަށް ނުފެތޭ ސާމްޕަލްތައް ފެނިފައިވާ ކަމަށާއި އެއާ ގުޅޭ އިތުރު ދިރާސާތައް މުހިންމުކަމަށް ވަނީ ބުނެފައެވެ.

ދުނިޔެއިން ކޯވިޑް ފެނުނުތާ އަހަރެއްގެ ތެރޭގައި ވައިރަހުގެ އާ ވޭރިއަންޓުތައް ވަނީ ފެންނަން ފަށައިފައެވެ. މިހާތަނަށް އެންމެ ނުރައްކާތެރި ވޭރިއަންޓަށް ފެނިފައިވަނީ ޑެލްޓާ އާއި ޑެލްޓާ ޕްލަސްއެވެ. އެހެންކަމުން ސައިންސުވެރިން ވަނީ ޕީސީއާރު ޓެސްޓުތަކާއި ވެކްސިން މޮޑިފައި ކުރަން ބުނެފައެވެ.

ތުރުކީގެ ކޯވިޑް ކޭސްތައް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ދުވާލަކު 5000އިން 20،000އަށް ވަނީ އާ ކޭސްތައް ފެންނަވަރު ގިނަވެފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން މިހާތަނަށް އެންމެ ގިނައިން އެ ގައުމުން މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވި މަހެވެ.

އެ ގައުމުން ވަނީ މިހާތަނަށް 35.5 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. މިއީ ޔޫރަޕުގެ އެހެން ގައުމުތަކާއަޅާ ބަލާއިރު އެވްރެޖަށްވުރެ ވެސް ދަށް އަދަދެކެވެ. ތުރުކީގެ އާބާދީއަކީ 85 މިލިއަނެވެ.