ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވައިލައިފިއެވެ.
ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، އެންމު ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް އިނާމެއްގެ ގޮތުގައި 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
އެ ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު 22 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، އެ ލޯގޯއާއި ދިދަ ފުރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ތަފްޞީލީ އުޞޫލްތަކެއް ވެސް އެ ކައުންސިލުންވަނީ އާންމު ކޮށްފައެވެ.
މިގޮތުން ހުށައަޅާ ލޯގޯއާއި ދިދައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެންނުވާނެ ކަމަށާއި އަދި ލޯގޯއާއި ދިދައަކީ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯއާއި ދިދައަކަށް ވާންވާނެ ކަމުގައި ބުނެފައިވެއެވެ.
ދިދަ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަންވާނީ "ޓީލް ބުލޫ" ( ( Teal Blue, ކުލަކަމަށާއި، އަދި (ކުލަ ކޯޑ#148fa8 ) މި ކުލައިގެ އިތުރުން "ޓީލް ބުލޫ" އާއި ގުޅޭ އެހެން ކުލައެއް، ޑިޒައިން އާއި ގުޅޭނަމަ ބޭނުން ކުރެވިދާނެ ކަމަށް ބުނެފައުވާއިރު ލޯގޯގެ ކުލަތައް ކަނޑައަޅާނީ ލޯގޯ ފަރުމާ ކުރާ ފަރާތުން ކަމުގައި ވަނީ ބުނެފައެވެ. އަދި ލޯގޯ ފަރުމާ ކުރުމުގައި ދިދަ އާއި ގުޅޭ ގޮތަށް ފަރުމާ ކުރުމުގައި ސަމާލުކަން ދިނުމަށް ވެސް ވަނީ ބުނެފައެވެ.
ފަރުމާކުރެވޭ ލޯގޯއިން ހދ.މަކުނުދޫ ރަމްޒުކޮށްދިނުމާއި، މަކުނުދޫއަކީ އެކުވެރި އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ސާފު ރަށެއްކަން ރަމްޒުކޮށްދިނުމާއި އަދި ލޯގޯއިން މަކުނުދޫއަށް ހާއްސަ ސިފައެއް ރަމްޒުކޮށްދޭން ވާނެކަމުގައި ބުނެފައިވެއެވެ.
ލޯގޯއާއި ދިދައަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއެއް އަދި ދިދައަކަށް ވެގެންނުވާނެ ކަމަށާއި ލޯގޯއާއި ދިދަގައި ހިމެނޭ ކޮންމެ ކުލައަކުން ރަމްޒުކޮށްދޭ މާނަ ލިޔުމުން ހުށަހަޅަން ވާނެކަމަށާއި އަދި ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ އެއްޗެއް ތަފްޞީލްކޮށް ބަޔާންކުރަން ވާނެ ކަމުގައި ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ލޯގޯ ފަރުމާކޮށްފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑް، ޔުނީފޯމް، ޓީޝަރޓް އަދި ދިދަ ފަދަ ތަކެތީގައި ވެސް ބޭނުންކުރެވޭނެ ފަދަގޮތައް ކަމަށާއި ލޯގޯއަކީ ލަނކުޑި ނުވަތަ ފައިބަރ ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނަގައިގެން ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯ އަކަށް ވާންވާނެކަމުގައި ވަނީ ބުނެފައެވެ.
ހުށައަޅާ ލޯގޯ mm x 20mm 20 ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެންނުވާނެ ކަމަށާއި ދިދައިގެ މިނަކީ 53 x ގެ ރޭޝިއޯއެއް ކަމުގައި ބުނެފައިވާއިރު ލޯގޯގެ ރިޒޮލޫޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މަތި ކަމުގައި ވަނީ ބުނެފައެވެ.
ލޯގޯ ފަރުމާ ކުރާއިރު ބޭނުންކޮށްފައިވާ ފޮންޓް އަދި ސައިޒްގެ ތަފްޞީލްތައް ހިމެނުމަށާއި ކަސްޓަމް ފޮންޓެއް ލޯގޯގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ލޯގޯގެ ސޮފްޓްކޮޕީތަކާއެކު ހުށަހަޅަންވާނެ ކަމުގައި ވަނީ ބުނެފައެވެ.
ލޯގޯގައި ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ ނަން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވަކިވަކިން ލިޔެފައި (އިނގިރޭސި ބަހުން ލިޔެފައިވާ ލޯގޯއަކާއި ދިވެހި ބަހުން ލިޔެފައިވާ ލޯގޯ) އޮންނަން ވާނެ ކަމަށާއި ލޯގޯ ފަރުމާކުރަންވާނީ ވެބް ވަރޝަން އަށްވެސް ރަހުމަތްތެރި ގޮތަކަށް ކަމުގައި ވަނީ ބުނެފައެވެ.
ލޯގޯ ފަރުމާކޮށް ހުށައަޅަންޖެހޭ ފޯމެޓް ގޮތުގައި ބުނެފައި ވަނީ PNG, PDF, EPS,އަދިJPEG އެވެ. އަދި ލޯގޯގެ ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލެއް ހުށަހެޅުމަށާއި ލޯގޯގެ PDFފައިލް ފޯމެޓް 10MBއަށްވުރެ އިތުރުވެގެން ނުވާނެ ކަމުގައި ބުނެފައިވެއެވެ.
ހުށައަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކަކީ ލޯގޯއާއި ދިދަ ފަރުމާ ކުރެވިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލުމަށްފަހު ލޯގޯއާއި ދިދައިގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ހުށައަޅާ ލޯގޯއާއި ދިދައަށް މާކްސް ދިނުމުގައި ލޯގޯއާއި ދިދައިގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަންއަދި ޑިޒައިން އެލެމެންޑްސް ބޭނުންކުރެވިފައިވާ ގޮތް)، ހދ.މަކުނުދޫގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެ ކަމުގައި ވަނީ ބުނެފައެވެ.
ބްރޭންޑް ގައިޑްލައިންގެ ހާޑް އަދި ސޮފްޓްކޮޕީ ހުށަހަޅަންވާނެ ކަމަށް ބުނެފައުވާއިރު އަދި ލޯގޯއާއި ދިދަ ހުށައަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަން ވާނެ ކަމުގައި ވަނީ ބުނެފައެވެ. އަދި ލޯގޯއާއި ދިދަ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެ ކައުންސިލް މެމްބަރ މުޙައްމަދު ޝައްމާޚް ނަމްބަރ 9835643 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
އެ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން makunudhoocouncil.haadhaalu@gmail.comއަށް މެއިލް ކުރައްވަންވާނެ ކަމުގައި އެ ކައުންސިލުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!