މިއަހަރުގެ ޖީސީއީ އޯލެވެލްގައި ކެމިސްޓްރީ މާއްދާގެ އިމްތިހާނު ހަދައި، އެ މާއްދާއިން އޭ ސްޓަރ ހޯދި، އުމުރުން އެންމެ 10 އަހަރުގެ ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް ޢަބްދުލް ވާޙިދާއި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މިބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ ރަޔާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައި ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.

Ad
rt

ރަޔާން އެހާ ޅަ އުމުރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީއިން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ރަޔާންގެ މަންމަ، ޢާއިޝަތު ޔުމްނާއަށާއި ބައްޕަ މުޙައްމަދު ރިޔާޒަށް ރައީސް ވަނި ޝުކުރު އަދާކުރަށްވާފައެވެ.

މީގެ އިތުރުން، މިބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ކެމިސްޓްރީއާ މެދު ރަޔާން ޝައުޤުވެރިވި ގޮތާގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯއާއި، ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސް ސުވާލުކުރެއްވުމުން، ރަޔާން ބުނީ އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް ކަމަށެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ ޢާލާތްތައް ބޭނުންވާކަމަށްވެސް ރަޔާން ކިޔައިދިނެވެ.

ކުރި ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ރައީސް ވަނީ ރަޔާނަށް ޚާއްސަ އިނާމެއްވެސް ދެއްވާފައެވެ. އަދި ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސ ވިދާޅުވިއެވެ.

ރަޔާންގެ މަންމަ ޢާއިޝަތު ޔުމްނާ އާއި ހަވާލާދީ ރައީސް އޮފީހުން ބުނި ގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓައެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލް އަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ޙާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސަރޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެންކަމުގައި ރަޔާންގެ މަންމަ ޔުމްނާ ބުނިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން، ރަޔާންގެ ބައްޕަ މުޙައްމަދު ރިޔާޒް ދެއްކެވި ވާހަކައިގައި، ރައީސް ޞާލިޙް ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޝުކުރު ދަންނަވައި މި ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމުގައި ވިދާޅުވެފައެވެ.