ހދ. ނޮޅުވަރަންފަރުގައި ދިރިއުޅެމުންދާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.
ނޮޅިވަރަންފަރުގައި ދިރިއުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުވައި އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށްޓަކައި ހިންގުނު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 10 އޯގަސްޓް 2021 ވީ އަންގާރަ ދުވަހުއެވެ.
މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” ނޫހަށް މަޢުލޫމާތު ހިއްސާ ކުރަމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން ބައްދަލުކުރެވިފައި ވަނީ އެ ރަށު ކައުންސިލް އިދާރާގައި އޮންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި ކަމުގައެވެ.
ނަމަވެސް މި މަސައްކަތަށް ނުކުތުމުން ރަށުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ނުކުރާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ވެސް އުޅެމުންދާކަން އެނގިފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ މައިގަނޑު ޝަކުވާއަކީ ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން އަންނަ އެލަވަންސް ބަރާބަރަށް ނުލިބުމުގެ ޝަކުވާއެވެ.
"ބައެއްފަރާތްތައް އެބަތިބި އެލަވަންސް ހޯދަން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށް ނަމަވެސް އެކަން ހާސިލް ވެފައި ނުވާ ފަރާތްތައް"
ނަޒްމީނާ ވިދާޅުވެފައިވެއެވެ.
ނަޒްމީނާ އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން ރަށުގައިތިބި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ފަރާތްތައް އެ ރަށު ކައުންސިލުގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށް އިތުރަށް ދިމާވާ ދަތިތަކާއި ހޮރި ގޮންޖެހުންތަކުގެ ވާހަކަތަށް އަންނަ އާދީއްތަ ދުވަހު ރަސްމީކޮށް ކައުންސިލަށް ހުށަހަޅައި ހައްލު ހޯދުމަށް މަސައްކަތް ފެށުމަށް މިހާރު ވެސް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
ނަޒްމީނާ ވަނީ މިފަދަ މަސައްކަތްތަކަށް އެ ރަށު ކައުންސިލުން އަބަދުވެސް ދެއްވަމުން އަންނަ އެހީތެރިކަމަށް އެ ފަރާތަށް ޝުކުރު އަދާކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ސިލްސިލާކޮށް ރަށުގައިތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރުން ކުރިއަށް ގެންދިއުމަށް މިހާރުވެސް ރޭވިފައިވާކަން ނަޒްމީނާ ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!