މޭ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލާގައި އެމަނިކުފާނުގެ ބަޔާނެއް މުހިންމު ކަމަށް ޕްރޮސެކިއޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާތީ، އެކަމަށްޓަކާ އެމަނިކިފާނުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައިފިއެވެ.
ރައީސް ނަޝީދުގެ ފަރާތުން ވަކީލަކަށް ނާޒިމް ހަމަޖެއްސެވިކަން އެމަނިކުފާނު މިހާރުވަނީ ސިޓީއަކުން ޕީޖީ އޮފީހަށް ވެސް އަންގަވާފައެވެ.
އެ ސިޓީގައި ވިދާޅުވެފައިވަނީ، މި މައްސަލާގައި އެމަނިކުފާނުގެ ބަޔާނެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، އަދި އެފަދަ ބަޔާނެއްގެ މުހިންމުކަމަށް މީޑިއާތަކުގައި ވިދާޅުވެފައިވާތީ ވަކީލަކަށް ނާޒިމް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ އެ މައްސަލާގައި ރައީސް ނަޝީދުގެ ބަޔާނެއް މިހިންމު ކަމަށާއި، އެކަމަކު އަދި ބަޔާން ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަޔާން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ރައީސް ނަޝީދަކީ ވިކްޓިމް ކަމުން އެމަނިކުފާނުގެ އިހުސާސްތަކަށް އިހްތިރާމްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މޭ 6 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެއްދެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރުގައެވެ.
މިގޮތުން ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަަލަކުން ވަނީ އެމަނިކުފާނުގެ އިތުރު ބައެއް ސާޖަރީތައް ވެސް ހަދާފައެވެ.
ރާއްޖޭގައި, ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށް މި މައްސަލައާއިގުޅޭ ފަހުގެ މައުލޫމާތު ދެއްވުމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަވެއެވެ.
މެެއި 6 ގައި ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ މިހާރު ދައުވާކުރަން ފޮނުވާފައިވާ އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.
މި މީހުންގެ އިތުރުން ތުހުމަތުކުރަނީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!