ހއ. ތަކަންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.

ބަލީގެ އަލާމާތް ހުރެގެން 29 ޖުލައިގައި ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެމީހާއަކީ ޓްރަވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ.

Ad
rt

ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް "ތިލަދުން"އަށް ވިދާޅުވީ، އެ ކޭހަށްފަހު މިއަދާއި ހަމައަށް ޖުމްލަ 25 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ފްލޫ ކްލިނިކަށް ދެއްކި މީހާ ޕޮޒިޓިވްވުމުން އަޅުގަނޑުމެން ނެގިން 50 ރެންޑަމް ސާމްޕަލް ވެސް، އެ ސާމްޕަލް ތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައި" ހުސައިން ނައީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރަށް ޕޮޒިޓިވްވެފައި ވަނީ ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި ނެގިފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.

ކޯވިޑްގެ ސަބަބުން ޖުލައި 30 ވަނަ ދުވަހުގެ 15:04 އިން ފެށިގެން ތަކަންދޫ އޮތީ ބަންދު ކޮށްފައެވެ.

ކޯވިޑްގެ ސަބަބުން އުތުރުން ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގެ އިތުރުން ހދ. އަތޮޅުގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ވެސް އޮތީ ބަންދުކޮށްފައެވެ. އަދި ށ. ފޯކައިދޫއާއި ފީވަށް ވެސް އޮތީ ބަންދުކޮށްފައެވެ.