މުވައްޒަފަކަށް އަނިޔާވިގޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ސާފުކޮށްދީފިއެވެ.

ކޮންޓެއިނަރުތަކެއް މަތިން ވެއްޓި އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެއްޖެ ކަމަށް ބައެއް މީޑިއާތަކުގައި ކުރި ރިޕޯޓާއި ގުޅިގެން އެމްޕީއެލްއިން ވިދާޅުވީ، އަނިޔާ ވެފައި ވަނީ އެތަނުގެ މުވައްޒަފަކަށް ކަމަށާއި، އެ ހާދިސާ ހިނގީ ރޭ އިރުއޮއްސި 18:20 ހާއިރު ކަމަށެވެ.

Ad
rt

އެ މުވައްޒަފު ވެއްޓުނީ ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މަތިން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މައްޗަށް ހަރުގަނޑެއް ބޭނުންކޮށްގެން އަރަން މަސައްކަތްކުރަމުން ދަނިކޮށް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ވެއްޓުނު ތަނުގެ އުސްމިނުގައި ގާތްގަނޑަކަށް 9 ފޫޓު ހުންނާނެ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލްއިން ބުނީ، އަނިޔާވި މުވައްޒަފު ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގާ ބެލި އިރު، ވެއްޓުނު އިރު އެ މީހާގެ ވާ އަތް ވިދުނު ގޮތަކުން ކޮނޑުހުޅާއި އުޅަނބޮށްޓާ ދޭތެރޭ ކަށިގަނޑު ބިންދައިގެން ގޮއްސަފައިވާ ކަމަށެވެ.

" ޕޭޝަންޓް ސްޓޭބަލް، އައިޖީއެމްއެޗް އަދި އޭޑީކޭއިން ބިންދައިގެން ދިޔަ ތަނުގެ ސާޖެރީ އެއް އަވަހަށް ހެދެން ނެތުމުން މިރޭ 23:48 ހާއިރު ޓްރީޓޮޕް ހޮސްޕިޓަލަށް އޭނަ ވަނީ ޓްރާންސްފާ ކުރެވިފައި" އެމްޕީއެލް އިން ބުންޏެވެ.

ވެއްޓުނު އިރު އެ މުވައްޒަފު ހުރީ ހެލްމެޓް އަދި ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށްވެސް އެ ކުންފިނިންވަނީ ބުނެފައެވެ.

އެމްޕީއެލް އިން އެ މުވައްޒަފުގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.