ށ. ފޭދޫ ކައުންސިލްގެ ފަރާތުން އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޢީދު ހަދިޔާ ބަހައިފިއެވެ.
މިގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން 27 ފަރާތަކަށް އިއްޔެ ކައުންސިލްގެ ފަރާތުން ޢީދު ހަދިޔާ ބަހާފައިވާ ކަމަށެވެ.
މީގެއިތުރުން ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވެސް ވަނީ އިއްޔެ އެރަށުގެ ކުޑަކުދީންނަށް ޢީދު ހަދިޔާ ބަހާފައެވެ.
މިއަދު ހަވީރު އެރަށު ކައުންސިލުން ވެސް އެރަށުގެ ކުޑަކުދިންނަށް ޢީދު ހަދިޔާ ބެހުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޭދޫ ކައުންސިލް ރައީސް ރައިޝަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިފަހަރު ޢީދު ދިމާވީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ކަމަށް ވުމާއެކު، އެޗްޕީއޭގެ އެންމުން އައުމާއެކު ކައުންސިލްގެ ފަރާތުން ޢީދުގައި ކުރިއަށް ގެންދަން ރޭވި ހަރަކާތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ޒުވާނުން އިސްނަގައިގެން ޢީދު ފާހަގަކުރުމުގެ ބައެއް ހަރަކާތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަރަކާތްތެރި އަޟްހާ ޢީދާއި ގުޅިގެން ތިލަދުންމަތީގެ ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އަދި ބައެއް މަދަނީ ޖަމިއްޔާ ތަކުންވެސް އަންނަނީ ޢީދު ހަދިޔާ ބަހަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!