ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދޫއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Ad
rt

އެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރަށްވާނެ ކަމަށާއި، މީގެއިތުރުންވެސް އެ ސިޓީގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ދެވަނަ މަންޒިލެއް ގޮތުގައި ރައީސްގެ ދެކަނބަލުންވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައިވެސް އެދެކަނބަލުން ވަނީ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އަދި މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރަށްވައެވެ.

ރައީސް ޞާލިޙްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރު ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.