ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅުމަށް އެ ޒުވާނުން ތައްޔާރުވާން ފަށައިފިއެވެ.
މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ ގޮތުގައި އެއް ޓީމަކަށް މި މެޗުގައި މި މުއްދަތުގައި ކުޅުނު ކުޅުންތެރިންގެ ޓީމެއް ވާދަކުރާއިރު، އިދިކޮޅުން ވާދަ ކުރާނީ 2006 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދިނުމުގައި ހިއްސާވި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ.
މި މެޗު އަޟްހާ ޢީދު ދުވަހު (20 ޖުލައި 2021) ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗާއި ގުޅުވައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފއެވެ. މިގޮތުން އިވެންޓް ފެށުމުގެ ގޮތުން ޒުވާނުންގެ ދިގު ދަނޑީގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު މެޗު ފެށުމުގެ ކުރިން މެޗު ހާއްސަ ކުރެވިފައިވާ ރަންޖީލުގެ ކުޅުންތެރިންނަށް ހާއްސަ ހަދިޔާއެއް ދިނުން އޮންނާނެއެވެ.
މީގެއިތުރުން މެޗު ފެށުމުގެ ކުރިން ހަނިމާދޫގެ ފުޓްބޯޅައަށް ފާހަގަ ކޮށްލެވޭ، އަދި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ކުޅިވަރު ގެ ރޮނގުންނާއި، ހާއްސަކޮށް ފުޓްބޯޅައިން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތަރު ބޭފުޅެއްގެ ޚިދުމަތް ފާހަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެޗުގެ ހާފްޓައިމްގައި ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު މެޗު ނިންމުމުގެ ރަސްމިއްޔާތުގައި ރަންޖީލުގެ ކުޅުންތެރިން ދުވަހުގެ ހާއްސަ މެޑެލް ހަވާލު ކުރުމާއި، އިތުރު ބައެއް އިނާމް ތައް ހަވާލު ކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބައެއް ސަޕްރައިޒް ހަރަކާތްތަކެއް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއްކަމުގައިވާ އަލީ އިބްރާހީމް ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި ހަރަކާތް ރާވާ ހިންގުމުގައި މައިގަނޑު ދެ ސަބަބެއް އެކުލެވޭ ކަމަށެވެ. ފުރަތަމަ ސަބަބަކީ ރަށަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީ މިހާރު ފުޓްބޯޅަ ކުޅުމާއި ދުރުގައިތިބި ފަރާތްތައް ދަނޑުމައްޗަށް ގެނެސް އެ ފަރާތްތަކުން ފުޓްބޯޅައިން ރަށަށް ހޯދައިދިން ކާމިޔާބާއި ރީތި ނަމުގެ އަގުވަޒަން ކުރުމުގެ އިތުރުން ޢީދުގެ އުފާފާޅުކުރުމެވެ.
މި މެޗުގެ ޝަރަފްވެރިންގެ ގޮތުގައި ރަށުގެ އިސް ރަށްވެހިން ބައިވެރި ކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗު ގޮށްކޮޅު ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!