ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށް ވިދާޅުވެ، "ދިއްދޫ ރައްޔިތުންގެ އަޑު" ހަރަކާތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
"ދިއްދޫ ރައްޔިތުންގެ އަޑު" ހަރަކާތުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު - 8 ވަނަ އިޞްލާޙު) ގެ 75 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި، އަދި އެ އުންޞުރު ފުރިހަމަނުވާ، އެ އިޖްރާޢަތު ހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން، އެ ނިންމުން ބާޠިލްކޮށް، އަލުން ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު އެ ފީތައް މުރާޖަޢާކުރުން ރަނގަޅުކަމަށް ފެންނަކަމަށް އެ ހަރަކާތުން ބުނެފަވެއެވެ.
ދިއްދޫގެ 3 ވަނަ ދައުރުގެ ކައުންސިލުން މި ފީތައް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތަށް ކަމަށް އެ ހަރަކާތުން ބުނެފަވެއެވެ.
މިގޮތުން 1 ފެބްރުއަރީ 2018 އިން ފެށިގެން އެ ބަދަލުގެންނަން ފާސްކުރީ އެ ކައުންސިލްގެ 3 ބައްދަލުވުމެއްގައި މަޝްވަރާކޮށްގެންނާއި، އާންމު ޢިއުލާނަކުން ދިއްދޫގެ ހުރިހާ ރައްޔިތުންނަށާއި ދިއްދޫގައި ދިރިއުޅޭ އެންމެނަށް ރައްޔިތުންގެ ބައްދަލުވުމަކަށް ދަޢުވަތުދީ، ދިއްދޫގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް ވެސް ދިއްދޫ ކައުންސިލުން ލިޔުމުން އެ ބައްދަލުވުމަށް ދަޢުވަތުދީގެން 29 ޖަނަވަރީ 2018 ވަނަ ދުވަހުގެ ރޭ 9:00 ގައި ބޭއްވުނު ރައްޔިތުންގެ ބައްދަލުވުމަށް ހާޟިރުވި އެންމެނާ ޙިއްސާކުރެވިގެން ކަމަށް ވެސް އެ ހަރަކާތުން އިތުރަށް ބުނެފަވެއެވެ.
އެ ހަރަކާތުގެ މި ޕޯސްޓަށް ރައްދުދެއްވަމުން އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް، އަބުދުﷲ ރަޝީދު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށެވެ.
"ކައުންސިލް ހިންގަން ތިބިއިރު ހުރިހާ ޙިދުމަތްތަކުން ނަގާ ފީ ބޮޑުކޮއް ރައްޔިތުން ނިކަމެތިވާގޮތައް ކައުންސިލަށް އާމުދަނީއެއް ލިބެން އޮތް ބަނދަރު ބިންތައް މުއްދަތު ހަމަވީއިރު އެބިންތަކުން ކައުންސިލަ އާމްދަނީއެއް ނުލިބޭގޮތައް އޮތް އޮތުން ނިމުމަކަށް ގެނައުމައްޓަކާ 4 ވަނަ ކައުންސިލުން މިހާރު ވަނީ މަސަކަތް ފަށާފައެވެ." އަބުދުﷲ ރަޝީދު ވިދާޅުވެފައިވެއެވެ.
ކުރިއައް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގަ ޕުރީސުކޫލް ފީވެސް ކުޑަ ކުރާނެ ކަމަށާއި، ބަނދަރު ބިންތައްވެސް އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.
"ދިއްދޫ ރައްޔިތުންގެ އަޑު"އަކީ ހުސްވިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޒޫމް މެދުވެރިކޮށް ފެށި ހަރަކާތެކެވެ. މިހަރަކާތުން ދިއްދޫ ރައްޔިތުން ހިމެނޭ ވައިބާ ގްރޫޕެއްވެސް ހިންގާއިރު، އެ ހަރަކާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އަންނަނީ އެކިކަހަލަ ޝުއޫރުފާޅު ކުރަމުންނެވެ.
މިހަރަކާތުގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި އެ ހަރަކާތުން ބުނެފައިވަނީ އެއީ، ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެއް ކަމަށެވެ.
މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަކެއް ލުއިފަސޭހަކަމާއެކު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ބާރު އެޅުން ކަމަށާއި، އަދި ދިއްދޫގެ ކަންކަމާ ޙަވާލުވެ ތިއްބެވި ފަރާތްތައް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޖަވާބުދާރީކުރުވަން މަސައްކަތްކުރުން ކަމަށް ވެސް އެ ހަރަކާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ދިއްދޫގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި ދިއްދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރުންވެސް މި ހަރަކާތުގެ މަގްޞަދެއް ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!