"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާ އިޞްލާޙް ފާސްކޮށް ތަސްދީޤް ކޮށްފިނަމަ، އިސްލާމްދީނާއި ޙިލާފަށް ޢަމަލްތަކާއި، ވާހަކަތައް ދެއްކުމާއި އަދި އެފަދަމަލްތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް ހެދިގެންދާނެތީ އެފަދަ އިޞްލާހެއް ގެނައުމަށް ފާޅުގައި ދެކޮޅުހަދާ ކަމަށް ބާރަށު ކައުންސިލުން ބުނެފިއެވެ.
ބާރަށުގެ ކައުންސިލްގެ ރައީސް ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވާ ބިލުގައިވާ އިޞްލާޙްގައި އެކައުންސިލުން ކަންބޮޑުވާ ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރާ ކަމަށެވެ.
ދިވެހިރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަ ކަމާއިއެކު ސާދާ ދިރިއުޅުމެއް އުޅެމުންއައި ރައްޔިތުންތަކެއް ކަމަށްވެފައި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހިދައުލަތުގެ ދީނަކީމާތްވެގެންވާ އިސްލާމްދީންކަމާއި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަސްދަރަކީ އިސްލާމް ދީންކަމާއި އަދި އިސްލާމް ދީނުގެ އަޞްލަކާއި ހިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމަށް އެ ނޫސް ބަޔާނުގައި ބުނެފަވެއެވެ.
"ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު އިޞްލާޙްކުރުމަށް 25 މޭ 2021 ވަނަ ދުވަހު ރައްޔިތުން މަޖްލީހަށް ހުށަހަޅާފައިވާ އިޞްލާޙް ފާސްކޮށް ތަސްދީޤް ކުރައްވާއިފިނަމަ ދިވެހި މުޖްތަމަޢުގެތެރޭގައި މިމާތްވެގެންވާ އިސްލާމްދީނާއި ޙިލާފަށް ޢަމަލްތަކާއި، ވާހަކަތައް ދެއްކުމާއި އަދި އެފަދަމަލްތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް ހެދިގެންދާނެތީ އެފަދަ އިޞްލާހެއް ގެނައުމަށް މިކައުންސިލުން އެކަމާއި ފާޅުގައި ދެކޮޅުހަދަމެވެ."
ބާރަށު ކައުންސިލުން ބުނެފަވެއެވެ.
މިފަދަ އިޞްލާހެއްގެ ސަބަބުން ޤައުމުގެ ލޮބުވެތި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ޞުލްޙަ މަސަލަސްކަން ގެއްލި ހިނގައިދާނެތީ އެކަމާއި އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ.
"ސީދާގޮތުންނާއި ނުސީދާގޮތުންވެސް ދިވެހިރާއްޖެއަކީ އެކިއެކި ދީންތަކުގެ މީހުންނަށް އެބައި މީހުން އެނިސްބަތްވާ ދީނަކަށް އުޅުމުގެ މިނިވަންކަން އޮތް ޤަވްމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހަމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، މިޤައުމުގައި ޒަމާނުއްސުރެ ދިވެހިން ޤަބޫލުކޮށްގެން މިތިބީ މާތްވެގެވާ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބުމުގެ ފުރުޞަތު ތަނަވަސްކޮށްފައި ބޭއްވުމަށާއި، މިއިޞްލާޙް ފާސްކުރުމަށް އެއްބާރުލުން ނުދެއްވުމަށް ރައްޔިތުންގެ މަޖުލީހުގެ ހުރިހާ ޢިއްޒަތްތެރި މެމްބަރުންނަށް އިލްތިމާސްކުރަމެވެ."
ބާރަށު ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ.
ބާރަށު ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ނިސްބަތްވެ ވަޑައި ގަންނަވަނީ އެމްޑީޕީއަށެވެ. ދެން ތިއްބެވި 4 ކައުންސިލަރުން ނިސްބަތްވެ ވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމް އަށެވެ.
ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 104 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 509 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.
މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި ރާއްޖޭގައި މަސައްކަތްކުރާ 106 މަދަނީ ޖަމިއްޔާ އަކުން ވަނީ ބަޔާނެއް ނެރެފައެވެ. މީގެއިތުރުން މި ބިލާއި ދެކޮޅަށް ވަކިވަކި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!