މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީީ މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ހިފައިގެންހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

Ad
rt
މީގެއިތުުރުން، ށ. ފުނަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުނަދޫ ގެއެއް ބަލައިފާސްކޮށް މި މަހުގެ 18 ވަނަ ދުވަހުގެ 10:28 ހާއިރު 33 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ކަނޑުމަގުން ރ. އުނގޫފާރަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހުގެ 13:30 ހާއިރު އުނގޫފާރު ބަނދަރުމަތިން 18 އަހަރު މީހަކު ހައްޔަރުކޮއްފައިވާ ކަމަށެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅާއި 30 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާލުވި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.