ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް، ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ހޮވިއްޖެއެވެ.

ށ. ނައިބު ރައީސަކަށް ހޮވުނު ރައިސަމްއަކީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

Ad
rt

ށ. އަތޮޅު ކައުންސިލް ނައިބު ރައީސެއް ހޮވުމަށް ބޭއްވި އިންތިޚާބު އޮތީ މިއަދު ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައެވެ. މި އިންތިޚާބުގައި ރައިސަމްއާއި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅެވެ.

ށ. އަތޮޅުގެ 14 ރަށުގެ ކައުންސިލް ރައީސުންނާއި، އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވި މި ވޯޓުގައި ރައިސަމް ނައިބު ރައީސްކަމަށް އިންތިޚާބުވީ 9 ވޯޓުންނެވެ. ފުނަދޫ ރައީސް އަހްމަދަށް ލިބުނީ 6 ވޯޓެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް އެމްޑީޕީއަށް ނިސްބަތްވާއިރު، އެ އަތޮޅުގެ އިތުރު 6 ރަށެއްގައި އެމްޑީޕީއަށް ނިސްބަތްވާ ރައީސުން ތިއްބަވައެވެ. އެ އަތޮޅުގައި ދެން ތިއްބަވަނީ ޕީޕީއެމްގެ 3 ރައީސުންނާއި، އަމިއްލަ 4 ރައީސުންނާއި އަދި ޖޭޕީގެ ރައީސެކެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސަކީ، މުހައްމަދު ސިޔާމެވެ. ސިޔާމަކީ އެ އަތޮޅު މިލަންދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނައިބު ރައީސް ރައިސަމް ނިސްބަތްވެވަޑައިގަންނަވަނީ ފޭދޫ އަށެވެ.

މި ކާމިޔާބީއާއި ގުޅިގެން ރައިސަމް "ތިލަދުން"އަށް ވިދާޅުވީ، މިއީ އޭނާގެ ސިޔާސީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މިކާމިޔާބީގައި އޭނާ ނިސްބަތްވާ ފޭދޫ ރައްޔިތުންނާއި، މުޅި ށ. އަތޮޅުވެސް ހިއްސާވާކަމަށެވެ.

އޭނާ ވަނީ މިކާމިޔާބީއާއި ގުޅިގެން ފޭދޫ ރައްޔިތުންނަށާއި، ށ. އަތޮޅުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އަތޮޅުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން އޭނާ ވަނީ އެއަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ.