އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބެލެހެއްޓުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މަރުކަޒުގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ އާކް މޯލްޑިވްސް އިން މިކަން ހާމަކުރީ މި މަހުގެ 6 ވަނަ ދުވަހު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދަޢުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވަލާ ނެރުނު ބަޔާނެއްގައެވެ.
ހިޔާގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާ ހިނގިއިރު އެތަނުގައި ދިރިއުޅެމުންދިއައީ 10 ވަރަކަށް ކުދިންނެވެ.
ކުދިންގެ އަދަދު މަދުވެ، ހިޔާ ބެލެހެއްޓުން ކުރިޔަށްވުރެ ފަސޭހަވާންޖެހޭނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި މިކަަހަލަ ހާދިސާތައް ތަކުރާރުވުމަކީ ވަކިން ޚާއްޞަކޮށް ކަންބޮޑުވާ ކަމެއް ކަމަށް އާކް އިން ބުނެފައިވެއެވެ.
"މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވެ، އެތަނުގައި ދިރިއުޅެމުންދާ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން މިކަންކަން ހުއްޓުވުމަށްޓަކައި މިފަދަ ހާދިސާތަކުގެ ފުރިހަމަ ތަޙްޤީޤެއްކުރުމަށްވެސް އާކުން ގޮވާލަމެވެ."
އާކް ގެ ބަޔާނުގައި ފާހަގަކުރިއެވެ.
މީގެ އިތުރުން މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހު އެތަނުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ މަރުކަޒުގެ އަލިފާނާ ގުޅުންހުރި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
އަލިފާނުގެ ހާދިސާތައް ހިނގަން ފަށާފައި މިވަނީ ފަހަކަށް އައިސް ހިޔާގައި އެތަށް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމާއި، މިކަންކަން ކުރިމަތިވަނީ އެ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާހުރެކަން އާކް އިން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް އެބަހުރި ކަމަށާއި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް ވަނީ އިތުރުވެފައި ކަން އާކް އިން ފާހަގަ ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!