ހދ.ވައިކަރަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުން އިސްނަގައިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގި ފަންޑްރައިޒް ހަރަކާތުން 47849.50 (ސާޅީސް ހަތްހާސް އަށްސަތޭކަ ސާޅިސް ނުވަރުފިޔާ ފަންސާސްލާރި) ލިބިއްޖެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 02 ޖޫން 2021 އިން 05 ޖޫން 2021 ގެ ނިޔަލަށެވެ.

Ad
rt

މި ހަރަކާތް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގެ ދަށުން ވަނީ އެ ރަށުގެ ހަތަރު މުއައްސަސާއެއްގައި ފަންޑްފޮށި ބަހައްޓާފައެވެ. އެ މުއައްސަސާތަކަކީ ވައިކަރަދޫ ފެނަކަ ކޯޕަރޭޝަން، ވައިކަރަދޫ ހެލްތު ސެންޓަރ، ވައިކަރަދޫ ސްކޫލް އަދި ވައިކަރަދޫ ބަނދަރު ދަތުރު ހިޔާއެވެ.

ވައިކަރަދޫ ކައުންސިލްގެ ވަގުތީ ޝެކެއްޓަރީ ޖެނެރަލް މުޙައްމަދު ރަބީޢު މި ހަރަކާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި ހަރަކާތަކީ ކާމިޔާބު ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުން ލިބުނު ފައިސާ 05 ޖޫން 2021 ވީ ހޮނިހިރު ދުވަހުގެ ރޭ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އެކައުންޓަށް ޖަމާކުރެވިފައިވާ ކަމަށެވެ. ރަބީޢުވަނީ މި ހަރަކާތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.