ކޯވިޑް ބަލިން ދިފާއުވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ޖެންސެންއިން އުފައްދާފައިވާ ވެކްސިން، "ކޯވިޑް-19 ޖެންސެން ވެކްސިން"އާއި، ސްޕެއިންގެ އުފެއްދުމެއްކަމުގައިވާ މޮޑާނާ ވެކްސިން ރާއްޖެގައި ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީއިން، މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ.
މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ދިވެހިރާއްޖޭގައި މި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ
އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުއި ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.
އެމްއެފްޑީއޭ އިން ބުނީ މި ދެ ވެކްސިނަކީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ވެކްސިންތަކެއް ކަމަށެވެ. އަދި އެ ވެކްސިންތައް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް ބުންޏެވެ. އަދި އެމްއެފްޑީއޭއާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ޖޯންސަން އެންޑް ޖޯންސަންގެ މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 42 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ، ބެލްޖިއަމް، ނެދަލޭންޑްސް، ކެނެޑާ، އޮސްޓްރިއާ، ޑެންމާރކް، އިޓަލީ، ސައުތު އެފްރިކާ އަދި ސްޕެއިން ފަދަ ގައުމުތައް ހިމެނެއެވެ.
މޮޑާނާ ވެކްސިން މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި މިހާތަނަށް 49 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސްވިޒަލޭންޑް އަދި ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތައް ހިމެނެއެވެ.
ޢާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިން ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް
ވަރެއްގެ "ރިއެކްޝަން" އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަން އެމްއެފްޑީއޭއިން ފާހަގަކުރެއެވެ.
އެހެންކަމުން، ކުރިއެކޭ ވެސް އެއްފަދައިން، މި ވެކްސިންތައް މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީއާއި، އެޗްޕީއޭއާއި ގުޅިގެން ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
ކޯވިޑުން ރައްކާތެރިވުމަށްދޭ އިތުރު ދެ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ރާއްޖޭގައި ދިންއިރު، މިހާތަނަށް މިވަނީ މިފަދަ 6 ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ނަމަވެސް ރާއްޖޭގައި މިހާތަނަށް ދެމުން އައިސްފައި ވަނީ، ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސިނޮފާމް ވެކްސިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!