ހއ. ކެލާ ތުނޑީގައި ތަރައްގީކުރާ ޓޫރިސްޓް ހޮޓަލުގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިއްމާލައި، އީއައިއޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
އަލަށް އިންތިޚާބުވެ، މަސައްކަތް ފަށާފައިވާ ކެލާ ކައުންސިލުން އިއްޔެ ވަނީ ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ހަވާލުވެފައިވާ ފެޑޯ އިންވެސްޓްމެންޓާއި ބައްދަލުކުރަށްވައި، އެ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފެޑޯގެ ފަރާތުން ވަނީ، ކެލާގައި ތަރައްގީ ކުރާ ޓޫރިސްޓް ހޮޓަލްގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިމިފައިވާކަމަށް ބުނެފައެވެ.
"އެ މަޝްރޫޢުގެ އިނީޝަލް ލޭންޑް ސާރވޭ ނިމިފައި ކަމަށް ފެޑޯއިން ބުނި، ލޭންޑް ސާރވޭގެ ހޯދުންތަކުންނާއި މާކެޓް ދިރާސާއިން އެނގުނުގޮތުގައި ކޮންސެޕްޓް މުތާލިއާކުރަންޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނަނީ، އެހެންކަމުން އެ ހޮޓަލުގެ މޫދު ކޮޓަރިތައް ތަރައްޤީ ކުރަންޖެހެނީ ތުނޑީ ކޮޅުގައި"
އެ ބައްދަލުވުމާއިގުޅޭ މައުލޫމާތު ހިއްސާކުރަށްވަމުން ކެލާ ކައުންސިލްގެ ރައީސް، އަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވިއެވެ.
އެ ހޮޓަލުގެ މޫދު ކޮޓަރިތައް ތަރައްގީ ކުރަން ކުރިން ޕްލޭން ކޮށްފައި ވަނީ، ބައެއް ރޫމްތައް ރަށަށް ވާގޮތަށް އަދި ބާކީ ރޫމްތައް ތުނޑީ ސަރަހައްދުގެ ފަޅުގެ ވިލުތެރޭގެ މެދަށްވާ ގޮތަށެވެ.
އެ މަޝްރޫޢުގެ އީއައިއޭގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށާއި، އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ފެޑޯއިން މައުލޫމާތު ދިންކަމަށް ވެސް އިންފާޒް ވިދާޅުވިއެވެ.
"ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ އީއައިއޭގެ މަސައްކަތް ނިންމާލެވޭނެކަމަށް އެ ކުންފުނިން ލަފާކުރަށްވާ، އީއައިއޭ ނިމުން ރިޕޯޓް ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތަކަށް ހުށަހަޅައި، އަދި ކެލާ ކައުންސިލަށް މިކަމުގެ އެންމެހާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނި" އިންފާޒް ވިދާޅުވިއެވެ.
އެ މަސައްކަތް ނިމުމުން، އެ ހޮޓާ ތަރައްގީކުރާ ކޮންސެޕްޓަށް ގެންނަން ބޭނުންވާ ބަދަލަށް އެދި ކެލާ ކައުންސިލަށް ފެޑޯއިން ހުށަހަޅާނެ ކަމަށާއި، އަދި އެ ހުށަހެޅުން ހުށަހެޅުމުން އެ ކަމުގައި ވީ އެންމެ އަވަހަކަށް ކައުންސިލުން ގޮތެއް ނިންމައި ދިނުމަށް ފެޑޯ އެދިފައިވާ ކަމަށް ވެސް އިންފާޒް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ފަހުގެ މައުލޫމާތު ކެލާ ކައުންސިލާއި ހިއްސާކޮށްދެއްވީތީ އިންފާޒް ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރަށްވާފަ އެވެ.
"މިއީ 13 އަހަރަށްވުރެ ގިނަ ދުވަހު ކެލާ ރައްޔިތުން ކުރި ދިގު އިންތިޒާރެއް، މި އިންތިޒާރުގައި ކުލަ ޖެހިގެންދާތަން ފެނުމުން އުފާކުރަން، މި މަޝްރޫޢުއަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ، ކައުންސިލްގެ އުންމީދަކީ ވީހާވެސް އަވަހަކަށް މި މަޝްރޫޢު ނިމި މިކަމުގެފައިދާ ކެލާ ރައްޔިތުންނަށް ލިބެންފެށުން" އިންފާޒް ވިދާޅުވިއެވެ.
މި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފެޑޯ އިންވެސްޓްމެންޓާއި ދެމެދު ސޮއިކުރީ މިއަހަރުގެ މާރިޗް މަހުގެ 16 ވަނަ ދުވަހުއެވެ.
މި ހޮޓަލަކީ 100 އެނދުގެ ހޮޓަލެކެވެ. މި ހޮޓާ ތަރައްގީކޮށް 2 އަހަރާއި ބައިގެ ތެރޭގައި ހުޅުވަން ޖެހެއެވެ. އަދި ކެލާ ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު އެ ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ދޫކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!