ހއ. ދިއްދޫއިން އިތުރު ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަަދަދު 50 އަށް އަރައިފިއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު ދިއްދޫން އިއްޔެ ވަނީ އަލަށް 10 މީހަކަށް ކޯވީޑް ބަލިޖެހިފަ އެވެ.

Ad
rt

މިގޮތުން އިއްޔެ ހަވީރު 17:20ގައި އެ ހޮސްޕިޓަލުން ހާމަކުރެއްވި މައުލޫމާތުގައި އަލަށް 5 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ 23:15ގައި އާންމު ކުރެއްވި މައުލޫމާތުގައި ވެސް އަލަށް 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރެޔާއި ހަމައަށް އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދު 50އަށް އަރާފައިވާއިރު، އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 31 މީހަކާއި، ރެންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 13 މީހަކާއި އަދި ހޯމްކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 6 މީހެކެވެ.

ދިއްދޫއިން ރެޔާއިހަމައަށް 1471 ސާމްޕަލެއް ވަނި ނަގާފަ އެވެ. ރެއާއި ހަމައަށް ނަތީޖާ ނުލިބެނީ އެންމެ ސާމްޕަލެއްގެއެވެ.

ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ.

އެރަށުން މިހާތަނަށް 80 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ.

ދިއްދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމުން ދިއްދޫ ކައުންސިލުން ކާފިއު ހިންގައި، ފިޔަވަޅުތައް ހަރުކަށިކޮށްފައި ވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އެރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގާފައެވެ.