ބަށި ބޯޅައަށް ދެފައިވާ ޤައުމީ ހައިސިއްޔަތު އުވާލުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ކުށްވެރިކުރައްވައިފި އެވެ.
ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ކުޅޭ ކުޅިވަރެއްކަމަށްވާ ބަށި ބޯޅައަށް ދީފައިވާ ޤައުމީ ހައިސިއްޔަތު އުވާލުމާއި ކުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަށިބޯޅާއަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ކުޅިވަރާއި ބެހޭ ވުޒާރާއިން އުވާލަން ނިންމެވި ނިންމެވުމަކީ މި ސަރުކާރުން ޘަޤާފީ ކުޅިވަރުތައް ބާކީ ކޮށްލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމުގައެވެ. އަދި އެއީ މި ސަރުކާރުން އަންހެނުންގެ ގަދަރު ކުޑަކޮށްލުން ކަމަށާއި އެކަން ކުށްވެރި ކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް މިކަން ބަދަލު ކުރާނަން".
ޝުޖާއު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަށިބޯޅައަށް ދީފައިވާ ގައުމީ ހައިސިއްޔަތުގެ އުސޫލު ބަދަލުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.
ރާއްޖެ އިން އެންމެ ފުރަތަމަ ޤައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ބަށިބޯޅަ އިދާރާ ރަޖިސްޓްރީ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!