މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ މައްސަލާގައި، އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާތަނަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި، "އާޚިރުގައި ކަތިވަޅިވެސް، މަރިޔަނބުވެސް ގެއްލިއްޖެ"ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ހޯރަފުށީ ދާއިރާ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ.
މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި"މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު"އަށް ބަހުސް ކުރަށްވަމުން ސައްލެ ވަނީ، އެ ރިޕޯޓަށް އޭނާ ތާއީދު ކުރަށްވާ ކަމަށާއި، އެ ރިޕޯޓް ފާސްކުރަން ޕީޖީ ގްރޫޕްގައި ވޯޓް ވެސް ދެއްވިކަން ފާހަގަ ކުރަށްވާފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުފެދި، ގާނޫނީ އޮނިގަނޑު ފާސްކޮށްދެވި، ބަޖެޓް ދެވި އެ ކޮމިޝަނަށް ހާސިލްވީ މިންވަރު 30 މަސް ފަހުން ފަހަތަށް އެނބުރި ބަލައިލާ އިރު އެ ކޮމިޝަނަށް މާ އެދޭ މަސައްކަތެއް ކުރެވިފަ ނުވާކަމަށް ސައްލެ ވިދާޅުވިއެވެ.
"ތަޙުޤީޤެއް ވެސް ނުކުރެވުނު، އެންމެ އެސެޓެއް އަޅުގަނޑުމެންނަން ރިކަވަރއެއް ވެސް ނުކުރެވުނު، އެސެޓު ރިކަވަރީގެ ވާހަކަ ދަންނަވައިލާއިރުގައި އިއްޒަތްތެރި ރައީސް، މިއީ ދިވެހި ރައްޔިތުންނަން އެންމެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ހާސިލުކުރަން ބޭނުންވާ ކަމަކީ، ރައްޔިތުންގެ އަތުން ގެއްލިގެންދިޔަ އެސެޓު އަނބުރާ ހޯދައިދިނުން، އެކަން އަޅުގަނޑުމެންނަން ނުވެއްޖެ ކަމަށް ވަންޏާ މި މަޖިލިސް އެއީ ފެއިލްވެގެންދިޔަ މަޖިލީހެއް ކަމުގައި ރައްޔިތުން ދެކޭނީ." ސައްލެ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ، ރާއްޖޭގެ އެސެޓުތަކަކީ ފަރުތަކާއި، ފަޅުތަކާއި އަދި ރަށްތައް ކަމަށެވެ. އެ ތަންތަން ނުއަގުގައި ބަޔަކު ވިއްކައި، ގަނެހެދިއިރުގައި އެކަން އެއްވެސް ބަޔަކު ސަމާލުކަމަށް ނައިކަމަށާއި، އޭރު ވެސް ރައްޔިތުންގެ މަޖިލީހެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން އެންމެ ކުޑަމިނުން މި ބުނަނީ، ނުއަގުގައި ވިއްކި ފައިސާކޮޅު އަނބުރާ ރައްޔިތުންނަން ދޭނޭ އޭގެ އަދި ލޯ ލާރިއެއް ވެސް ލިބޭ ގޮތެއް ނުވޭ. އާޚިރުގައި ކަތިވަޅި ވެސް ގެއްލުނީ، މަރިޔަނބު ވެސް ގެއްލުނީ، ދިވެހި ރައްޔިތުންނަން ޙައްޤުވަރަކީ މިއެއް ނޫން، އެހެންވީމާ، މި ރޮނގުން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ހޯރަފުށީ ދާއިރާ ފުރިހަމައަށް ބައިވެރިވާނެ،" ސައްލެ ވިދާޅުވިއެވެ.
އެ މަސައްކަތުގައި އޭނާ ފުރިހަމަ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރަށްވައި، މި ތަޙުޤީޤު ގެންދެވެނީ އެންމެ ރަނގަޅަށްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މިއީ ދުނިޔޭގައި މި ބާވަތުގެ ބޮޑެތި ކޮރަޕްޝަންގެ ޢަމަލު ޤައުމެއްގައި ހިނގި ފުރަތަމަ ފަހަރެއް ނޫން ކަމަށް ސައްލެ ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އަދި ޓިއުނީޝިއާ ފަދަ އެތައް ޤައުމެއްގައި މިފަދަ ބޮޑެތި ކޮރަޕްޝަންތައް ވަނީ ހިނގާފައި ކަމަށާއި، އެ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަޙުޤީޤުތައް ހިންގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"މި ކަންކަމަށް ކުދި ޤައުމުތަކަން، އަޅުގަނޑުމެން ފަދަ ޤައުމުތަކަށް އެހީވެދޭނެ ބޮޑެތި އެކްސްޕޯޓް ޕެނަލްތައް ވެސް އުފެދިފަ. އެތަނުން އެއް ފަރާތެއް އަޅުގަނޑު ފާހަގަކޮށްލާނަން، ސްޓޯލެން އެސެޓު ރިކަވަރީ އިނީޝިއޭޓިވް، މިއީ ވޯލްޑް ބޭންކާއި ޔޫ.އެން.އޯ.ޑީސީ ގުޅިގެން ހަދާފައިވާ އެކްސްޕާޓް ޕެނަލެއް. މިއީ އަޅުގަނޑުމެންނަން މިކަހަލަ ކަންކަމުގައި އެހީތެރިވެދޭން އުފައްދާފައި އޮތް ޕެނަލެއް. ކީއްވެގެންތޯ އަޅުގަނޑުމެން މިހާހިސާބަށް އައިރުގައި ބޭރުގެ ފަރާތެއްގެ އެހީ ނުހޯދާ މިކަން މި ހިސާބަށް މި ދިޔައީ އަޅުގަނޑު މިކަން ތަޙުޤީޤުކުރާ ކޮމިޓީގެ އިއްޒަތްތެރި މުޤައްރިރަށް ދަންނަވާލަން ބޭނުންވޭ،" ސައްލެ ވިދާޅުވިއެވެ.
ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، އެއީ ރިކޮމެންޑޭޝަން ގޮތުގައި ކުރިއަށް އޮތް ތާނގައި ހިމަނުއްވައިދެއްވުމަށް ސައްލެ ވަނީ އެދިވަޑައިގެންފައެވެ.
ގެއްލިފައިވާ ފައިސާއާއި އެސެޓުތައް ހޯދުމުގައި، ގެންގުޅެނީ ޖިނާއީ އުސޫލުތައްތޯ، މަދަނީ އުސޫލުތައްތޯ ވެސް ސައްލެ ސުވާލު އުފެއްދެވިއެވެ.
"މީގެ މުގުލުގައި ތިބި މީހުން އަޅުގަނޑުމެން އަތުލައިގެންފީމު، އެކަން ދެނެގަނެފީމު، އެ މީހުންގެ މައްޗަށް ޝަރީޢަތް ވެސް ހިންގައިފީމު، އެ މީހުންގެ މައްޗަށް ހުކުން ވެސް ކޮށްފީމު. އަދިވެސް އިތުރު ޝަރީޢަތްތައް ހިނގާނެ. އެކަމަކު މީގެ ފަހަތަށް މި އަންނަ އެންމެންނަން އަޅުގަނޑުމެން ޖިނާއީ ތަޙުޤީޤުކޮށް، ޖިނާއީ ޝަރީޢަތް ހިންގާ ކަމަށް ވަންޏާ ވަރަށް ގިނަ ދުވަސްތަކެއް ވާނެ މި ފައިސާ އަނބުރާ ރައްޔިތުންނަން ހޯދަން. އަޅުގަނޑުމެންގެ ތަޖުރިބާއިން ދަންނަވާ ވާހަކައެއް. ދިވެހިރާއްޖޭގައި ޖިނާއީ ޝަރީޢަތެއް ނިމިގެން ހުރިހާ ކޯޓު މަރުޙަލާއެއް ނިމިގެންދާއިރު އަށް އަހަރު، ނުވަ އަހަރު ވެގެންދާއިރުގައި އަޅުގަނޑު މި ދަންނަވާހެން ގެއްލިގެން ދިޔަ ޙައްޤު ދިވެހި ރައްޔިތުންނަން ލިބޭނެކަމުގެ ކުޑަ ވެސް އުއްމީދެއް ނޯންނާނެ، އެހެންވީމާ، އަޅުގަނޑުމެން ކޮން އުސޫލަކަށްތޯ މިކަމުގައި ކަންތައް ކުރާނީ" ސައްލެ ވިދާޅުވިއެވެ.
ކުރިމަގުގައި އެމައްސަލަ ދިރާސާކުރާއިރު ކޮމިޓީން ވިސްނުމަށް ސައްލެ ވަނީ ދެކަމެއް ފާހަގަ ވެސް ކުރަށްވާފަ އެވެ. އެއީ އެސެޓު ރިކަވަރީ ކޮމިޝަންގެ މަސައްކަތް ކައިރިން ބަލައި، ކޮމިޝަންގެ ތަޙުޤީޤު ކުރިއަށްދާނެ ގޮތުގެ ޓައިމްލައިނެއް ހޯދަން އެދުމަށާއި އަދި އެސެޓު ރިކަވަރކުރައްވާނެ ގޮތުގެ ޓައިމްލައިނެއް ހޯދުމަށެވެ. މި ދެ ޓައިމްލައިން ލިބިގެން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ޖަވާބުދާރީކުރުމުގެ މަސައްކަތް ރަނގަޅަށް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ސައްލެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!