ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލާއި ޚިލާފްވި ށ. މިލަންދޫ މީހަކު 10 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުކޮށްފައި ހުރި އެރަށު މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އަަމަލުކޮށްފައިވާތީ، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފަ ވާކަމަށެވެ.
"މިރަށުގައި ކަރަންޓީނުގައި މީހުން ކަރަންޓީނު އުސޫލާއެއްގޮތަށް އަމަލުތައް ބަހައްޓާތޯ ފުލުހުން ބައްލަވަމުން ގެންދަވާ، މިގޮތަށް ރަށުތެރެ ޕެޓްރޯލް ކުރުމަށް ނުކުމެ އުޅުނު ފުލުހުންނަށް ދެ ރެއަކު ފާހަގަވީ އެ މީހާ ކަރަންޓީނުގައި ހުރި ގެއިން ބޭރަށް ނުކުންނަކަން، އެހެންވެ އެޗްޕީއޭގެ އުސޫލާއި، ގައިޑްލައިނާއި ޚިލާފްވީމަ ފުލުހުން ވަނީ އޭނާ ޖޫރި މަނާކޮށްފައި" އާތިފް ވިދާޅުވިއެވެ.
މިލަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވިއިރު، މީގެކުރިން ހޯމް ކަރަންޓީނު އުސޫލާ ހިލާފް ވެގެން ބައެއް ރަށްރަށުގައި ބަލިފެތުރި، އެރަށްތައް ދިގު މުއްދަތަކަށް ފުރަބަންދުގެ ހާލަތު ވެސް ވަނީ ތަޖުރިބާ ކުރަންޖެހިފައެވެ.
ކޯވިޑްގެ މި ނުރައްކާތެރި ހާލަތުގައި މަދު މީހެއް އުސޫލާ ހިލާފްވުމުން އެކަމުގެ ތަކުލީފް މުޅި ރަށްޔިތުންނަށް އުފުލަން ޖެހުނު ހާލަތުތައް ބައެއް ރަށްރަށުން ކުރީން ވަނީ ތަޖުރިބާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!