މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހުރި ފަލަސްތީނުގެ މާތްބިމުގައި ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިޒްރޭލުން އަނިޔާވެރި ޢަމަލުތައް ހިންގާ ކޮންމެ ފަހަރަކު ދިވެހިން ނުކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލާކަމީ ފެންނަން އޮތް ހަޤީޤަތެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ މުސްލިމުންނަށް އޮންނަ ލޯބި ފެނިގެންދަނީ އިންތިހާއަށެވެ.

Ad
rt

ފާއިތުވި ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް އަދިވެސް ދަނީ ކުރިއަށެވެ. މި ޢަމަލުތަށް ކުށްވެރިކޮށް އެ ޢަމަލުތައް ހުއްޓާލުމަށް މުޅިދުނިޔެ ގޮވަމުންދާ ހާލުގައި ވެސްމެއެވެ.

ފަލަސްތީނުގެ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާ ހުއްޓާލައި ގަދަބާރުން ފަލަސްތީނުގެ ބިމަށް އިޒްރޭލުން އަތްގަދަކޮށްފައި އޮތްއޮތުމާއި ދެކޮޅަށް ދިވެހިން ވެސް މިވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.

"ފްރީޕަލަސްޓައިން" ގެ ނަމުގައި ކުރިއަށްދާ މިހަރަކާތް މިހާރު ފެށިގެން ކުރިއަށްދާއިރު މިކަމުގައި ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ވަޒީރުންގެ އިތުރުން ދީނީ ޢިލްމުވެރިންވެސް ދަނީ ބައިވެރިވެ އަޑު އުފުލަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ކުދިބޮޑު އެންމެން މިކަމުގައިދަނީ ބައިވެރިވަމުންނެވެ.

ކޯވިޑްގެ އުނދަގޫ ހާލަތުގައި ވެސް މާލޭގެ ކުދިބޮޑު އެންމެން މިއަދު ހަވީރު ދިރިއުޅޭ ގޭގެ ބެލްކަނީގައި ފަލަސްތީނުގެ ދިދަތަކާއިއެކު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ދައްކުވައިދީފައެވެ. އަދި ސޯސަލް މީޑިއާގައި މި އަޑު މިވަނީ ވަކީން ގަދަވެފައެވެ.


ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިޒްރޭލްގެ މި ޢަމަލުތައް ހުއްޓާލައި ފަލަސްތީނުން ފޭބުމަށް ގޮވާލައި ގިނަ އެއްވުންތައް މިއަދު ހަވީރު ބާއްވާފައިވާއިރު، މި ހަރަކާތް ތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހަވީރު ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއާއި ވައިކަރަދޫއާއި ކުމުންދޫގެ އިތުރުން ހިރިމަރަދޫގައި ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި އަޑު އުފުލާ ހިނގާލުން ބާއްވާފައެވެ. މީގެއިތުރުން ކުޅުދުއްފުށި ސިޓީއާއި ކުރިނބި އަދި މަކުނުދޫގައި ވެސް ފަލަސްތީނުގެ މުސްލިމުގެ ދިފާއުގައި އަޑުއުފުލާފައިވާއިރު މި ހަރަކާތްތަކުގައި ބައެއްރަށްރަށުގައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް އެދި ދުޢާވެސް ކޮށްފައެވެ.

މިހަރަކާތްތަކުގެ ބައިވެރިން ވަނީ މި އެއްވުންތަކުގައި ފަލަސްތީނުގެ ގިނައަދަދެއްގެ ދިދައާއި މިކަމާއި ގުޅުންހުރި ލިޔުންތައް ލިޔެފައިވާ ބޯޑުތައް ވެސް ބޭނުން ކޮށްފައެވެ. "މިއީއެއް އުންމަތެއް" ފަދަ މެސެޖްތައް އެ ބޯޑްތަކުގައި ލިޔެފައިވެއެވެ. އަދި މީގެއިތުރުން އިޒްރޭލާއި ދެކޮޅު ގިނަ މެސެޖްތައް ލިޔެފައިވާ ބޯޑްތައްވެސް ބޭނުން ކޮށްފައިވެއެވެ. އިޒްރޭލްގެ ދިދަ އެންދުންފަދަ ކަނަކަން ވެސް މިހަރަކާތްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ވެސް މިއަދު ހަވީރުވަނީ ފަލަސްތީނުގެ މުސްލިމުންގެ ހައްޤުގައި އަޑުއުފުލާފައެވެ. މިއަދު އެ ރަށުގައި ބޭއްވި ހިނގާލުމުގައި ގިނައަދަދެއްގެ މީހުން ވަނީ ފަލަސްތީނުގެ ދިދަތަކާއި ތަފާތު މެސެޖްލިޔެފައިވާ ބޯޑްތަކާއިއެކު އަޑު އުފުލާފައެވެ. މުރައިދޫގައި ވެސް ވަނީ ފަލަސްތީނު ރައްޔިތުނަށް އޮތް ލޯބި ދައްކުވައި ދިނުމުގެ ގޮތުން ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ރަށްތަކުގެ ކައުންސިލުތަކުން ވެސް އިޒްރޭލުގެ އަމަލު ކުށްވެރިކޮށް، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޤަތުލްއާމް ވަގުތުން ވަގުތައް ހުއްޓާލައި އަދި ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފޭބުމަށް ގޮވާލައި ނޫސް ބަޔާންތަށް ވެސް ދަނީ ނެރެމުންނެވެ. މިގޮތުން ނެއްލައިދޫ ކައުންސިލާއި، ކުމުންދޫ ކައުންސިލާއި، ވައިކަރަދޫ ކައުންސިލާއި އިހަވަންދޫ ކައުންސިލާއި މާރަންދޫ ކައުންސިލު އަދި އުތީމު ކައުންސިލްގެ އިތުރުން ނަރުދޫ ކައުންސިލުންވެސް ވަނީ ބަޔާންނެރެފައެވެ.