ސްޕެނިޝް ލަލީގާގައި ހޮނހިރު ދުވަހުގެ ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވުމާއި ގުޅިގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެތުލެޓިކޯއަށް ދެ ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ.

ނަމަވެސް މި މެޗު އެއްވަރު ވުމާއި ގުޅިގެން، މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތް ރެއާލް މެޑްރިޑާއި ހަތަރު ވަނާގައި އޮތް ސެވިއްޔާ އާދީއްތަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން އަރާހަމަކޮށް ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ރެއާލަށް ވަނީ ހުޅުވިގެން ގޮސްފައެވެ.

Ad
rt

ޕޮއިންޓްގެ ގޮތުން އެއްވަރު ވެއްޖެނަމަ ރެއާލަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑްގެ ނަތީޖާއިން ރެއާލަށް ކުރިލިބޭތީއެވެ.

މިހާ ހިސާބަށް ލަލީގާގެ ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމަށް ވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުޞަތު އޮތްއިރު، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނަ އެތުލެޓިކޯއަށް ލިބެނީ 35 މެޗުން ލިބުނު 77 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބާސާ އޮތީ 35 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި 34 މެޗުން 74 ޕޮއިންޓް ލިބިގެން ރެއާލް އޮތްއިރު ހަތަރު ވަނާގައި 34 މެޗުން 70 ޕޮއިންޓް ހޯދައިގެން އޮތީ ސެވިއްޔާއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެތުލެޓިކޯގެ ކޮއްރެއާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ބާސާގެ ޑިފެންޑަރ ޖެރާޑް ޕީކޭ ވެފައިވާއިރު، 33 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ ދިފާއު ކޮށްފައިވަނީ ބާސާގެ ކީޕަރެވެ.

އޭގެ ފަހުން ވެސް އެތުލެޓިކޯއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ފުރަތަމަ ހާފުގައި ތަނަވަސް ކޮށްފައެވެ. ފުރަތަމަ ހާފުގައި ބާސާއިން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ މެސީއެބެ. އެތުލެޓިކޯގެ އޭރިއާގެތެރޭ ހުރެ މެސީ ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރ އޮބްލެކް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ފުރުޞަތު ލިބުނު ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ހިފިފައި ނުވެއެވެ.