ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައި، އެމަނިކުފާނަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގާފަވަނީ، ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ހުންނަ، ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގަ ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ހަމަލާގައި ރައީސް ނަޝީދުގެ ހަށިފާރަވެރިއަކަށާއި، ބިދޭސީއަކަށް ވެސް އަނިޔާވި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިރުކޮޅެއް ކުރިން ދިން ހަމަލާއަށް ފަހު ރައީސް ނަޝީދު މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް ކަމަށް ވެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިން ހަރަކާތްތެރިވަމުން ދަނީ ހަތިޔާރާއެކުގަ އެވެ.

ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ.

ރައީސް ނަޝީދަށް ދިން މިހަމަލާ، ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫނާއި، ރައީސް ވަޙީދު ވަނީ ކުށްވެރި ކުރަށްވާ ޓްވީޓް ކުރަށްވާފަ އެވެ.