އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށަކުން 30 މިނެޓު ތެރޭގައި އެއަރޕޯޓަކަށް ދޭވޭނެގޮތް ހަދައިދޭނެކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.

ވައިގެ މަގުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ގުޅާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ. އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާ، މިއަންނަ އަހަރުގެ ނިމޭއިރު،30 މިނެޓުން އެއަރޕޯޓަކަށް ދެވޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް އިން ބުނީ 30 މިނެޓުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެއަރޕޯޓަށް ދެވޭނެ މަގު ފަހިވެގެންދާއިރު ހދ.މަކުނުދޫގެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭކަމަށެވެ. އެގޮތުން އެރަށް އޮންނަނީ ވަރަށް އެކަހެރި ސަރަހައްދެއްގައިކަން ފާހަގަކުރައްވާ ރީޖަނަލް އެއަރޕޯޓްސް އިން ވިދާޅުވީ، މަކުނުދޫއަށް ސީޕްލޭންފަދަ ޚިދުމަތެއް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.

ކޮންމެ ރަށަކުންވެސް30 މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ރިޔާސީ ވައުފުތަކުގެ ތެރެއިން ވައުދެކެވެ.