ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްއިން ކުއްލި ހާލަތްތަކުގައި ކޯވިޑްއަށް ޓެސްޓް ކުރެވޭގޮތަށް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
މިގޮތުން މިހާރު ވަނީ ކޯވިޑްއަށް ޓެސްޓް ކުރަން ބޭނުންވާ މެޝިންމުޅިން ހަމަޖެހި ދިއްދޫއަށް ގެންދިޔުމުގެ މަގުމަތީގައެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް "ތިލަދުން"އަށް ވިދާޅުވީ، އެ މެޝިންލިބި އެ ހޮސްޕިޓަލުން ކޯވިޑްއަށް ޓެސްޓް ކުރެވެން ފެށުމުން އަތޮޅުގައި ކުއްލި ގޮތެއްގައި ހަދަންޖެހޭ ކޯވިޑް ޓެސްޓްތައް ހެދުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
"މިހާރު ވަނީ މެޝިނަރީ މުޅިން ހަމަޖެހިފައި، ދެން އޮތީ އެ މެޝިންގެނައުމުން މިހޮސްޕިޓަލްގެ ލެބޯޓަރީގައި އެ މެޝިން ބެހެއްޓުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތް، އެކަން ވެސް އިރާދަކުރެއްވިއްޔާ ލަހެއްނުވެ ފެށޭނެ، މި މެޝިނުން ދުވާލަކު 20 ސާމްޕަލް ވަރު ޓެސްޓް ކުރެވޭނެ، އިއްޔެ މި ދިމާވިކަހަލަ ހާލަތްތަކުގައި މި ހޮސްޕިޓަލުން ކޯވިޑް ޓެސްޓް ހެދެން ހުރުމުން ފަސޭހަކަން ލިބިގެންދާނެ" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް އެ އިޝާރާތްކުރެއްވީ އިއްޔެ އެރަށުން ފެނުނު ޕޮޒިޓިވް ކޭސް އަށެވެ. އިއްޔެ ޕޮޒިޓިވްވީ ފްލޫ ކްލިނިކަށްދެއްކި، މިފަހުން ދަތުރު ކުރުމުގެ ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އެމީހާއާއި ގުޅިގެން މިހާރު ވަނީ ޓެސްޓް ކުރުމަށް 28 ސާމްޕަލެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ފޮނުވާފަ އެވެ.
އަޝްރަފް މައުލޫމާތު ދެއްވި ގޮތުގައި، އެ ހޮސްޕިޓަލްގައި ޚިދުމަތްދޭން ގޮސް ހުރި އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް މިވަގުތު ދިއްދޫގައި ކަރަންޓީނުގަ އެބަހުއްޓެވެ. އަތޮޅު ހޮސްޕިޓަލްގައި މިހާރު ވެސް އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ދެ ޑަކްޓަރުން މަސައްކަތް ކުރަށްވައެވެ. އާ ހޭނައްތާ ޑޮކްޓަރެއް ވެސް މިހާރު ހަމަޖެހި އޭނާ މާލޭގައި ހުރިކަމަށް އަޝްރަފް ވިދާޅުވިއެވެ. މިހާރު ދަނީ އެޑަކްޓަރު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!