ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.

މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

Ad
rt

އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އޭނާ ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ހަނިމާދޫއިން ޕޮޒިޓިވްވި 3 ކޭހާއި ގުޅިގެން ސީދާ ބައްދަލުވި މީހުންގެ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހުރޭ 3 މީހެއްގެ ސާމްޕަލް އަދި 24 ވަނަ ދުވަހުގެ ރޭ 5 މީހެއްގެ ސާމްޕަލް ނެގިއެވެ. އެހުރިހާ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފަ އެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، ރޭގައި އެރަށުން 20 މީހެއްގެ ސާމްޕަލް، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގުނު ކަމަށެވެ. އަދި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި އިތުރު 11 މީހެއްގެ ސާމްޕަލް ނެގުނު ކަމަށެވެ.

"މާތް ﷲގެ ރަހުމަތްފުޅުން އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފަ" އިބްރާޙީމް ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ހަމަ އެދުވަހު ހަވީރު އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.

ހަނިމާދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވިއިރު، ރާއްޖޭގެ ކޯވިޑްގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. މިގޮތުން މިއަދު ވެސް ރާއްޖެއިން އިތުރު 328 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ 28،202 އަށް އަރާފަ އެވެ.