ހއ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާރަށެވެ. އެ އަތޮޅުގެ އާބާދީ ވެސް އެންމެ ބޮޑު ރަށެވެ. ދިއްދޫގެ ރައްޔިތުންނާއި ޒުވާނުން ފާހަގަވެފައިވަނީ ދިއްދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު އެކި ސިފަސިފާގައި އުފުލާ ބައެއްގެ ގޮތުގައެވެ.
ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކޮށްގެންނެވެ. ނުވަތަ މީސްމީޑިޔާގެ އެކި މަންސަތަކުގެ އޮޅިތައް މެދުވެރިކޮށެވެ. ނުވަތަ އަމިއްލަ އެކައުންޓްތައް މެދުވެރިކޮށެވެ. މިފަދަ އަޑު އުފުލުން ތަކުގެ ސަބަބުން ދިއްދޫއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރާއި އަދި ރަށު ކައުންސިލުން ވަނީ ކާމިޔާބީތަކެއް ހާޞިލް ކޮށްފައެވެ. އެއީ ފެންނަން އޮތް ހަޤީޤަތެވެ.
އެ ވާހަކަތައް އަޅުގަނޑު ފަށަން ގަސްތުކުރަނީ ހއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން އަންނަ އަޅުގަނޑުގެ އަޚް އަބްދުﷲ ނައީމްގެ ވާހަކައިންނެވެ. ނައީމްއަކީ އޭނާގެ އުފަން ރަށް ކަމުގައިވާ ހދ.ދިއްދޫ ދެކެ ވަރަށް ލޯބިވާ ބޭފުޅެކެވެ. ދިއްދޫއާއި މެދު ފުންކޮށް ވިސްނަވައި ބޭފުޅެކެވެ.
ސިޔާސީ ފިކުރުތަކުން އެއްކިބާވެ ރަށަށް ދިމާވެފައިވާ ނުވަތަ ދިމާވަމުން އަންނަ މައްސަލަތަށް އެންމެންނަށް ވެސް ފަހުމްވާނޭހެން ލިޔެ ބަޔާންކޮށް އެހެން މީހުންގެ ލޯތަށް އެކަމަށް ހުޅުވައިލަދީ އެކަމަށް ވިސްނުން ހިންގުމަށް ފުރުޞަތު ފަހިކޮށްދިނުމުގައި ނައީމްގެ ގަލަމަކީ ވަރަށް ވެސް ބާރުގަދަ އެއްޗެކެވެ.
ނައީމްމެން ފަދަ ދުރުވިސްނޭ ރަށްދެކެ ނުހަނު ލޯބިވާ ބޭފުޅުން ދުރާލައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ހަމައެކަނި އެ ބޭފުޅާގެ އަޑެއް ނޫނެވެ. އެއީ ރަށުގެ ރައްޔިތުންގެ އަޑެވެ. ރައްޔިތުންގެ އެދުންތަކެވެ. ރައްޔިތުންގެ ބޭނުންތަކެވެ. ދިއްދޫގެ ރައްޔިތުންގެ ގިނަ ބޭނުންތަކެއް ފުދެމުން އަންނަތަން މިހާރު ފެންނަމުންދާ ކަމީ ރަށުގެ ކުދިބޮޑު އެންމެން ވެސް އުފާކުރާނެ ކަމެއްކަން ޔަޤީނެވެ. އަދި އަތޮޅުގެ އެހެން ރަށްތަކުގެ މީހުންނަށް އެ ފަސޭހަތައް ލިބިގެންދާނެ ކަމީ ޔަޤީން ކަމެކެވެ.
ރާއްޖޭގެ އެންމެ އުތުރުން އޮންނަ އަތޮޅުގެ ވެރިކަންކުރާ ރަށުގަ ހައްލު ކުރަން ހުރި މައްސަލަ ތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ހަމަ އެކަނި ދިއްދޫއެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެެއްގެ ހާލަތުވެސް ހުރީ މިފަދަ ހާލަތެއްގަ އެވެ. މައްސަލަތަކާއި ޝަކުވާތަކުގެ ބަދަލުގައި މިލިއުމުގައި މިބަލާލަނީ ނައީމް އާއި އެރަށުގެ އިތުރު ފަރާތްތަކުން ސަމާލުކަމަށް ގެނެސްފައިވާ ބައެެއްކަންކަމަށެވެ.
ބަނދަރު
ދިއްދޫގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަކީ އޮޑީވެރިންގެ ޒަމާންވީ ޝަކުވާއެކެވެ. އަދި ބަނދަރު މަގުގައި ތާރު އެޅިފައި ނެތުމުން މަގު އަޑިގުޑަން ވުމުގެ ސަބަބުން ދުއްވަން އުނދަގޫވުމާއި، ވިއްސާރަ ވެއްޖެނަމަ ބަނދަރުގެ އަރާފައިބާ ސަރަހައްދުގެ އެއްކޮޅުން އަނެއް ކޮޅަށް ހެދޭ ބޮޑެތި ފެންގަނޑުގެ ސަބަބުން ކުރިމަތީވާ ދަތިތަކުގެ ވާހަކައަކީ ވެސް ޒަމާންވީ ވާހަކަތެކެވެ.

މި މައްސަލަ ހައްލުވުމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިގެން މިހާރު ފޯރިއާއި އެކު ދަނީ ކުރިއަށެވެ.
މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 78000 ކިއުބިކް މީޓަރު ސަރަހައްދެއް ފުނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4،320 އަކަ މީޓަރުގެ ސަރަހައްދެއްގަ އިޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕޯސްޓް އޮފީސް
މީގެ ދިހަވަރަކަށް އަހަރު ކުރިން ހއ.ދިއްދޫގައި ވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ހިނގަމުން އައި ޕޯސްޓް އޮފީހެއް ހުއްޓެވެ. ނަމަވެސް 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން އެ ޕޯސްޓް އޮފީސް އުވާލިއެވެ. ކޮން ސަބަބަކާއި ހުރެކަމެއް އެނގޭކަށް ނެތެވެ. އޭގެފަހުން ފާއިތުވެގެން ދިޔަ މުއްދަތުގައި ދިއްދޫގައި އެ ޚިދުމަތް ކޮންމެވެސް ސިފައެއްގައި ފޯރުކޮށް ދެމުން އައި ނަމަވެސް އެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާތީ އެކަން ވެސް ވެފައި އޮތީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއަކަށެވެ.

ނަމަވެސް 31 މާޗް 2021 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ދިއްދޫގައި ރަސްމީކޮށް ޕޯސްޓްއޮފީހެއް ހުޅުވައި މިހާރުވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި އޮފީހުގެ ސަބަބުން ދިއްދޫގެ ރައްޔިރުންގެ އިތުރުން ދިއްދޫގެ ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ޔަޤީނެވެ.
ޖޫނިއާ ކޮލެޖް
ދިއްދޫގައި ޤާއިމްކުރާ ޖޫނިއާ ކޮލެޖެއްގެ ވާހަކައަކީ ވެސް އަހަރު ތަކެއް ވެފައިވާ ވާހަކައެކެވެ. އިންތިހާބެއް ކައިރިވަމުން އަންނަ ނަމަ މި ވާހަކައިގެ އަޑުގަދަވާކަމީ ފެންނަން އޮންނަ ހަޤީޤަތެވެ.
އަމަލީ ސިފައެއް ނައިސް އެތައް ދުވަހެއް ވުމަށްފަހު އެކަމުގެ ފެހި ސިގުނަލް ވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ. މިހިނގާ އެޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީންވަނީ ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފައެވެ. މި ކޮލެޖުގެ އުންމީދު ދިއްދޫ ރައްޔިތުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށް އިތުރަށް އާވެގެން ދަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން މި ކޮލެޖް ނިންމައި 2022 ވަނަ އަހަރު ކިޔަވައި ދެއްވަން ފައްޓަވާނެ ކަމުގައި ވިދާޅުވެފައި ވުމުންނެވެ.
ފުލެޓް ސަރަހައްދުގެ މިސްކިތް
ދިއްދޫގައި ފުރަތަމަ ފްލެޓް އިމާރާތް ކުރަން ފަށާފައިވަނީ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. ނަމަވެސް އެ ފުލެޓްތަކުގެ މަސައްކަތް ނިންމައި އެތަންތަނުގެ ހައްޤުވެރިންނަށް އެތަންތަން ހަވާލު ކޮށްފައިވަނީ މީގެ ތިންވަރަކަށް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއީ 250 ފްލެޓެވެ.

މި ފްލެޓްތަކަށް މީހުން ބަދަލުވީއްސުރެ އެ ސަރަހައްދުގައި މިސްކިތެއް ބިނާކުރެވިފައި ނެތުމުގެ ސަބަބުން މިސްކިތައްދާން ބޭނުންވާ ދުވަސްވީ މީހުންނަށާއި އަދި އެނޫން މީހުންނަށް ވެސް އެކަމުގައި ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހެއެވެ. ވުމާއެކު އެ ޝަކުވާ ރަށު ކައުންސިލުގައި އެ ރައްޔިތުން އައީ އެކި ސިފަސިފާގައި ކުރަމުންނެވެ. ކޮންމެ އަހަރަކު ރޯދަމަސް ކައިރިވެގެން އަންނަ އިރަށް އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް ޤާއިމް ކުރާ ވާހަކައިގެ އަޑު ގަދަވެގެން ދެއެވެ. ނަމަވެސް އަމަލީ ސިފައެއް ނާދައެވެ.
މުއްދަތެއް ހޭދަވެގެން ދިޔުމަށް ފަހު މި އަހަރު ރަމަޟާން މަހަށް އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރު މިސްކިތް ވަނީ ގާތްގަނޑަކަށް ނިމުމަކަށް ގޮސްފައެވެ. މި މަސައްކަތް ނިމި މިސްކިތުގެ ބޭނުން ކުރަން ފެށުމުގެ ވަގުތު ކުޑަތަންވެފައިވާއިރު މިހާރު އެ ރައްޔިތުންގެ މި ޝަކުވާއަށް ވެސް މިވަނީ ކޮންމެވެސް ސިފައެއްގައި ހައްލެއް ލިބިގެން ގޮސްފައެވެ.
ދިއްދޫ ޓާފް ފުޓްބޯޅަ ދަނޑު
ދިއްދޫއަކީ ފުޓްބޯޅަ ކުޅޭ ޒުވާނުންގެ އާބާދީ ބޮޑު ރަށެކެވެ. ރަށު ފެންވަރުގައި އަގުބޮޑު އަދި ގިނަ މުބާރާތްތަކެއް ރާވާ ހިންގާ ރަށެކެވެ. ނަމަވެސް ދާދި މިދާކަށް ދުވަހާ ޖެހެންދެން ވެސް އެ ރަށުގައި ފުޓްބޯޅަ ކުޅުމަށް އެކަށޭނަ ދަނޑެއް ނެތުމުގެ ޝަކުވާ ޒުވާނުން އައީ ކުރަމުންނެވެ. އެކަން ހައްލުކުރުމުގެ ގޮތުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރުމަށް ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައި ބައްދަލުވުންތައް ބާއްވައި މަސައްކަތް ތަކެއް ވެސް ކުރިއެވެ. މި ޝަކުވާ ކުޅިވަރާއި ބެހޭ ވަޒީރާއި ހިސާބަށް ވެސް ގެންދިޔައެވެ.

ސަރުކާރުން މިވަނީ މިކަން ވެސް ހައްލު ކޮށްދެއްވާފައެވެ. ދިއްދޫގެ ދަނޑުގައި ޓާފްއަޅައި މި ހިނގާ އޭޕްރީލް މަހުގެ ކުރީކޮޅު ވަނީ ބޭނުން ކުރަންވެސް ފަށާފައެވެ. އަދި ކުޅިވަރާއިބެހޭ ވަޒީރު ވަނީ ދަނޑާއިގުޅޭ އިތުރު އުންމީދުތަކެއް ވެސް ދިއްދޫގެ ޒުވާނުންނަށް ދެއްވާފައެވެ. އެ މަނިކުފާން ވިދާޅުވެފައިވަނީ އެ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ވެސް އަވަސް މުސްތަގުބަލެއްގައި ކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިއްދޫ އިންޖީނުގެ
ދިއްދޫގައި އިމާރާތް ކުރެވި ބޭނުން ކުރެވުމުންދާ އިންޖީނުގެއަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރި ހިސާބެއްގައި ހެދިފައި ހުރި ތަނަކަށް ވުމުގެ ސަބަބުން އެތަނުގެ އަޑުގަދަވުމާއި އަދި ކައިރި ސަރަހައްދުގައިވާ ގޭގެއަށް ދެލީގެ އުނދަގޫވުމުގެ ޝަކުވާއަކީ އެސަރައްދުގައި ދިރިއުޅޭ ރައްޔިތުން އަބަދުވެސް ކުރަމުންދިޔަ ޝަކުވާއެކެވެ.

މި މައްސަލަ ހައްލު ކުރެއްވުމުގެ ގޮތުން ސަރުކާރުން ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދިއްދޫގައި އައު އިންޖީނުގެއެއް އިމާރާތް ކުރުމުގެ ބިންގާ އަޅާފައެވެ. މިހާރު އެ މަސައްކަތް ބާރަށް ދަނީ ކުރިއަށެވެ. ދާދި އަވަހަށް އިންޖީނުގޭ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ހުރުމުން ދިމާވާ ތަކުލީފްތަކަށް ހައްލު ލިބިގެންދާނެ ކަން ޔަޤީނެވެ.
ދިއްދޫ ޒަމާނީ އޭޓީއެމް
ދިއްދޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ރާއްޖެތެރޭގައި އެންމެ ފުރަތަމަ އޭޓީއެމް ޤާއިމް ކޮށް ޚިދުތް ފޯރުކޮށްދޭން ފެށި ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ނަމަވެސް ބީއެމްއެލްގެ ފަރާތުން ޒަމާނީ ސެލްފް ސާވިސް އޭޓީއެމްތަށް މާލެއާއި ރާއްޖެތެރޭގައި ބަހައްޓައި އެ ޚިދުމަތް ފޯރުކޮށްދޭން ފެށިއިރު، އެފަދަ ޒަމާނީ އޭޓީއެމްއެއް ދިއްދޫގައި ނެތުމުން ބައެއް ފަސޭހަތަކުން ރަށުގެ ރައްޔިތުންނާއި ރަށަށް އަރާފައިބާ މީހުން މަޚުރޫމްވުމުގެ ޝަކުވާ ވެސް ދިޔައީ އަޑު ގަދަވަމުންނެވެ.
ނަމަވެސް ބީއެމްއެލްގެ ފަރާތުން 2020 ވަނަ އަހަރު ދިއްދޫ އޭޓީއެމް ސެންޓާގައި ވަނީ ޒަމާނީ ސެލްފު ސާވިސް އޭޓީއެމް އެއް ބަހައްޓައި ދިއްދޫގެ ރައްޔިތުންނަށާއި އަދި އެ ރަށަށް އަރާފައިބާ މީހުންނަށް އެ ފަސޭހަ ހޯއްދަވައި ދެއްވާފައެވެ.
ފްލެޓް ސަރަހައްދުގެ މަގުބައްތި
ދިއްދޫ ފުލެޓް ސަރަހައްދުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށިއިރު އެ ސަރަހައްދުގައި މަގުބައްތި ޖެހިފައި ނެތުމުން އެ ސަރަހައްދުގެ މަގުތަކުގެ އަނދިރި ކަމުގެ ޝަކުވާ މެދުކެނޑުމެއްނެތި ދިއްދޫ ކައުންސިލަށް ލިބެމުންއައެވެ.

އެންމެ އެދެވޭ ހަލުވި މިނުގައި ނުވި ނަމަވެސް 2019 ވަނަ އަހަރު ދިއްދޫ ކައުންސިލުން އިސްނަގައި އެ މަސައްކަތް ފަށައި، މިހާރު އެ މަސައްކަތް ވަނީ ފުރިހަމަކަމާއިއެކު ނިންމައި އެ ސަރަހައްދު މަގުބައްތި ޖަހައި އަލިކޮށް ނަތީޖާ ނެރެދީފައެވެ.
ދިއްދޫ ގިރާ ސަރަހައްދު
ދިއްދޫ ހުޅަނޑު ފަރާތް ގިރަމުން ދިޔުމަކީ ދިއްދޫ ރައްޔިތުންގެ އެންމެ ޒަމާންވީ އެއް ޝަކުވާއެވެ. އެ ސަރަހައްދު ގިރަމުންދާތާ ތިރީސް އަހަރަށް ވުރެ ވެސް ގިނަވެފައިވާއިރު، މިއީ ދިއްދޫ ރައްޔިތުންގެ ބޮޑު ބޮލުގައި ރިހުމެކެވެ. ހައްލު ހޯދަން ޝަކުވާ ނުދަންނަވާ ސަރުކާރެއް ނެތެވެ.

އެންމެ ފަހުން މި މައްސަލަ ހައްލުވުމުގެ ކޮޅުމަތި ވެސް މިހާރު މި ވަނީ ފެންނަން ފަށާފައެވެ. ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފާއިތުވި 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. މިހާރު އެމްޓީސީސީގެ ފަރާތުން އެތަނުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މަޝްރޫޢު ނިމޭއިރު މި ބޮލުގައި ރިހުންވެސް ފިލައިދާނެކަން ޔަޤީނެވެ.
އެންމެ ބޭނުންވި ހަލުވި މިނުގައި ކަންކަން ހައްލުވެގެން ނުދިޔަ ނަމަވެސް ދިއްދޫއަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލު ކުރުމުގައި ދިވެހި ސަރުކާރާއި ދިއްދޫގެ ކައުންސިލާއި އަދި މިނޫންވެސް މިކަމުގައި ޝާމިލްވާ ފަރާތްތަކުން މިވަނީ ކާމިޔާބީ ތަކެއް ހޯދާފައިކަން ޔަޤީނެވެ. ދެއްވާނެ ރިޕޯޓެއް ކަނޑަ އަޅާނީ ތި ބޭފުޅުންނެވެ. ހައްލުވީ "ކޯރެއްގެ ކޯވަރެއްގެ ކޯވަރެެއްތޯ" ނިންމާނީ ކިއުންތެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!