ހދ. މަކުނުދޫ، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ އިޙްޔާ ފޯރަމް މާދަމާރޭ އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
މަކުނުދޫ ހުޅަނގު ފަރާތު ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި ފޯރަމް ފެށޭނީ މާދަމާރޭ 21:00 ގައިކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
މި ފޯރަމްއަށް ޚާއްޞަކުރެވިފައިވާ މައުލޫއަކީ "ގެއްލުންނުވާނެ ވިޔަފާރި"އެވެ. މި ފޯރަމްގައި ދަރުސް ދެއްވާނީ އައްސައިޚް އާޒިމް ޚާލިދު އެވެ.
މި އިޙްޔާ ފޯރަމާއި ގުޅޭގޮތުން އެމްވައިއެމްގެ ރައީސް އަޝްފާޤް އާދަމް ''ތިލަދުން''އަށް ބުނީ، މި ފޯރަމް ކުރިއަށް ގެންދިޔުމަށް މަކުނުދޫގެ ހުނަރުވެރި، އެކުވެރި ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
"މި ފޯރަމް ކުރިއަށްދާނީ މަކުނުދޫ މަދަހަ ހުށަހެޅުމާއި، އަދި ގުރުއަތުން ނެގޭ ފަރާތްތަކަށް އިނާމް ދިނުމާއެކު، މިފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް މިކަމަށް އެއްބާރުލުން ދެމުންދާ ހިތްވަރުގަދަ މަދަދުވެރިން އެބަޔަކަށް ހަވާލުވެފައިވާ ޓާސްކްތައް ނިންމުމަށް ރެޔާއި ދުވާލު ދަނީ މަސައްކަތްކުރަމުން، މުޅި މި އިވެންޓް ވިލަރެސްކުރަމުން ގެންދަނީ މިޖަމިއްޔާގެ ނައިބު ރައީސް އަޙްމަދު ރިއްފަތު،" އަޝްފާގް ބުންޏެވެ.
އަޝްފާޤް ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، އަދި މި ހަރަކާތަށް ހޭދަކުރަށްވާ ފަރާތްތަކަށް ޝުކުރުއަދާކުރަށްވާފަ އެވެ.
#IhyaForum
#MYM
#Ramadan1442Posted by Makunudhoo Youth Movement on Thursday, April 22, 2021
އެމްވައިއެމް އިޙްޔާ ފޯރަމަކީ ކޮންމެ ރޯދަމަހެއްގައި ވެސް އެ ޖަމިއްޔާއިން މަކުނުދޫގައި ކުރިއަށްގެންދާ ފޯރަމެކެވެ. އަދި މި ފޯރަމްތަކުގައި ރާއްޖޭގެ އެކިއެކި ސެއިޚުން ވަނީ ދަރުސް ދެއްވާފަ އެވެ.
މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އަކީ މަކުނުދޫގައި ހަރަކާތްތެރިކަމާއިއެކު އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން އެޖަމިއްޔާއިން ވޭތުވި އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރެއިން މައިބަދާގައި ޓިއުމަރެއް އުފެދުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ އެރަށު އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް ''ސާރާއާއިއެކު މަކުނުދޫ'' ނަމުގައި އެ ޖަމިއްޔާއިން ވަނީ ނަމޫނާ ކާމިޔާބު ކެމްޕެއިނެއް ހިންގައި، އެ ކެމްޕެއިނުން ލިބުނު 146،785.45 ދިވެހި ރުފިޔާއާއި ،100 ޔޫއެސް ޑޮލަރާއި އަދި 4175 އިންޑިއަން ރުޕީސް ސާރާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ. ދީނީ ދަރުސް ހަރަކާތް ހިންގުމުގެ އިތުރުން ގިރާއަތު ލެވެލް 2، ގާރީ ކޯހެއް ވެސް އެޖަމިއްޔާއިން އެރަށުގައި ހިންގާފައިވާއިރު، ކޯވިޑްގެ ތެރޭގައި ވެސް އެ ޖަމިއްޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!