ހދ. އަތޮޅު ހެލްތު ސާވިސަސްގެ އައުޓްރީޗް ޕްރޮގުރާމުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރަކު، ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ.

ވައިކަރަދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަފްތާގެ ބުދަ ދުވަހު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ނެހާ އާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޕްރަމޯދު އެމަރުކަޒުގައި ބަލި މީހުން ބަލާނެއެވެ.

Ad
rt

އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރު 35 ބަލިމީހުން ބަލަން ހަމަޖެހިފައިވާއިރު، އެތެރެހަށީގެ ޑޮކްޓަރު ބަލާނީ 16 އަހަރުން މަތީގެ 35 ބަލި މީހުންނެވެ.

މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން، މާދަމާގެ 14:00 ގެ ކުރިން ނަން ނޯޓު ކުރަން ޖެހޭއިރު، ނަން ނޯޓު ކުރި ފަރާތްތަކަށް ނަންބަރު ދޫކުރާނީ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 11:00 އަށެވެ.

މި އައުޓްރީޗް ޕްރޮގުރާމުގެ ދަށުން ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން ގޮސް ބަލިމީހުން ބަލަމުންދެއެވެ. ހަމައެހެންމެ، ސިއްހީ މަރުކަޒުގެ ފެންވަރު ވަޒަންކުރުމާއި، ސިއްހީ މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ކުރިއަށް ގެންދެއެވެ.