ހއ. ބާރަށުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ.
މިގޮތުން ބާރަށުގައި ފުޓުސަލް ދަނޑެއް ގާއިމުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބާރަށު ކައުންސިލުން ކުރި ޢިއުލާން ގައި ބުނެފައިވަނީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ޢިއުލާންގައި ބުނެފަ ވެއެވެ. އަދި ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް (ބީލަންފޮތް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް ބުނެފަ ވެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުންް ބާރަށު ކައުންސިލް އިދާރާގެ އީމެއިލް info@baarah.gov.mv އަށް މަޢުލޫމާތު ފޮނުވައިގެން ރަޖިސްޓަރ ކުރެއްވުން އެ ކައުންސިލުން ވަނީ އެދިފައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރަންޖެހޭ ތާރީޚަކީ، 29 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. އަދި 02 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ޕްރި-ބިޑް ބައްދަލުވުން ބާއްވަން ވަނީ ނިންމާފަ އެވެ.
ބީލަން ބަލައިގަތުން އޮންނާނީ 11 މެއި 2021 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ. އަދި 11 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބީލަންތައް ހުޅުވުން އޮންނާނެއެވެ.
ބާރަށުގައި މިހާރުވެސް ފުޓްސަލް ދަނޑެއް އޮވެއެވެ. ނަމަވެސް އެއީ ކުޑަ ސައިޒުގެ ފުޓްސަލް ދަނޑެކެވެ. މިފަހަރު އަޅަން ޢިއުލާންކޮށްފައި ވަނީ މިހާރު ރާއްޖޭގެ ރަށްތަކުގައި އަޅަމުންދާ ބޮޑު ސައިޒްގެ ދަނޑެއްކަމަށް ބާރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!