ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެކިއުރިޓީގެ ޚިދުމަތް ދެމުންއަންނަ ގޭޖްއިން ރާއްޖޭގެ 100 ޒުވާނަކަށް ހިލޭ ތަމްރީނުދީ، ވަޒީފާގެ ފުރުޞަތުދޭން ނިންމައިފިއެވެ.

މިގޮތުން ގޭޖްގެ ޗެއާމަން އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް މިއަދު ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފްއާއި ބައްދަލުކުރަށްވައި، ގޭޖްގެ ފަރާތުން ދިވެހި 100 ޒުވާނަކަށް އެ ފުރުޞަތުދޭން ނިންމާފައިވާކަން ހާމަކުރަށްވައި، އެކަމާއިގުޅޭ މައުލޫމާތު ޔޫތު މިނިސްޓަރު މަހްލޫފްއާއި ހިއްސާ ކުރަށްވާފަ އެވެ.

Ad
rt

މިއަދުގެ ބައްދަލުވުމަށްފަހު ޔޫތު މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ، ދިވެހި 100 ޒުވާނަކަށް ގޭޖްގެ ފަރާތުން އެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަން ހާމަކުރަށްވައި، ގޭޖްގެ ޗެއާމަންއަށް ޝުކުރު އަދާ ކުރަށްވާފަ އެވެ.

ގޭޖްއިން މައުލޫމާތު ދެއްވާގޮތުގައި އެ ކުންފުނީގެ 2021 ވަނަ އަހަރުގެ ސީ.އެސް.އާރުގެ ދަށުން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ.

މިގޮތުން 100 ޒުވާނުންނަށް ސެކިއުރިޓީ ޓްރެއިންނގ ލެވެލް 1 ކޯސް (3 ހަފްތާގެ) ހިލޭ ސާބަހަށް ކިޔަވައިދިނުމާއި، ކޯހުން ފާސްވާ ހުރިހާ އެންމެންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދިނުމަށް ވަނީ ނިންމާފައެވެ.

މި ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ހުރުމާއި ކެއުން ހަމަޖެއްސުމަށްފަހު، ފެށޭ މުސާރައެއްގެ ގޮތުގައި މަހަކު 7000 ރުފިޔާ ދޭން ނިންމާފައިވާއިރު، މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ދަށްވެގެން ގްރޭޑް 8 ނިންމައި، ކުށުގެ ރެކޯޑެއް ނެތް ފަރާތްތަކެއް ކަމުގައި ވުން އެ ކުންފުނިން ވަނީ ޝަރުޠުކޮށްފައެވެ.

''ގޭޖް'' ކުންފުންޏަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ގިނަ ކުލަޔަންޓުންނަކީ ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކެވެ.

މި ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒިފުންނަކީ ކަމަށް ޤާބިލް، ސެކިއުރިޓީއާ ގުޅޭ ހުނަރާއި އަދި، މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމަށް "ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓް" ގެ ނަމުގައި ތަމްރީނުދޭ މަރުކަޒެއް 19 އޮކްޓޫބަރު 2011 ވަނަ ދުވަހު ރަޖިސްޓްރީކޮށްގެން އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ. އަދި މި އިންސްޓިޓިއުޓުން ހިންގާ ސެކިއުރިޓީ އޮފިސަރ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 3 އަށް އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ.