ކޯވިޑް-19 ބަލި ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިފަހަރު ނިޔާވެފައި ވަނީ 80 އަހަރުގެ ފިރިހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

Ad
rt

އެ މީހާއަކީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ރޭ 11:25 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވާފަ ވެއެވެ.

މިއީ ވޭތިވެދިޔަ 4 ދުވަސް ތެރޭގައި ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި 4 ވަނަ މީހާއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މި ބަލީގައި 2 މީހަކު ނިޔާވެފައި ވާއިރު، ހޮނިހިރު ދުވަހު ވެސް އިތުރު މީހަކު ނިޔާވެފައިވެއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 71 އަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުނުވާއިރު، މިވަގުތު ވެސް އަތޮޅުތަކުގެ 11 ރަށެއް އޮތީ އެ ބަލީގެ ސަބަބުން މޮނިޓަރިން ހާލަތުގަ އެވެ. އެ ރަށްތަތަކީ، ބ. މާޅޮސް، ޅ. ނައިފަރު، ޅ. ހިންނަވަރު، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދުއްފުށި، ތ. މަޑިފުށި، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.