މިއަހަރުގެ އޯގަސްޓު މަހުގައި ފަށަން ނިންމާފައިވާ އާ ދިރާސި އަހަރުގެ، އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖެއްސީ މިއަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ ކުރިން ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރު ކިޔެވުން ފެށޭނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މިޑްޓާމް ބަންދެއް ލިބޭނީ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ.
ފުރަތަމަ ޓާމްގެ ބަންދުގެ ގޮތުގައި އެ ކަލަންޑަރުގައި ހިމަނާފައި ވަނީ މިއަހަރުގެ ޑިސެމްބަރު 26 އިން 2022 ވަނަ އަހަރުގެ ޖެނުއަރީ 13 އަށެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 3 އިން 7 އަށް ދެވަނަ ޓާމްގެ މިޑްޓް ބްރޭކް ލިބެއެވެ. އެއަށްފަހު ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. ބޮޑު ޗުއްޓީގޮތުގައި ހިމަނާފައި ވަނީ އެ އަހަރުގެ ޖުލައި 3 އިން އޯގަސްޓް 1 އަށެވެ.
2022 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައި ވަނީ އެ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
Academic Calendar 2021-2022 pic.twitter.com/UMwFDQLGQ4
— Ministry of Education (@MoEdumv) April 19, 2021
އެކެޑެމިކް ކަލަންޑަރަށް މި ބަދަލުތައް ގެނައީ އޭގެ އަސަރު ކުރާނެ ފަރާތަކާއި ވާހަކަ ދެއްކެވުމަށްފަހުގައި ކަމަށާއި، މިކަމާއި ގުޅިގެން ސާވޭއަކާއި ދިރާސާއެއް ކޮށްފައިކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ކުރިން ވަނީ ވިދާޅުވެފަ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!