ޕަބްލިކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައިވާ ހުއްދަ 1 އަހަރު ދުވަހަށް އިތުރު ކުރުމަށްއެދި ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިގޮތަށް އެދި ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ފޮނުވައިފާ ސިޓީގައި ބުނެފައި ވަނީ، ކޯވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ، ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލުކުރުންވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ސްސްޕެންޑްކޮށްފައެވެ.
32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ނެގޭނީ ވެސް ވޭތުވެ ދިޔަ 3 އަހަރު ދައުލަތުގެ އެވަރެޖް އާމްދަނީގެ އެއް އިންސައްތަ އިތުރުނުވާ ގޮތަށެވެ. ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭއިރު، ވަކި ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނީ މި މާއްދާއަށް އަމަލުކުރުން ފަސްކޮށްފައިވާ ނަމައެވެ.
ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށް އެމާއްދާގެ (ރ) ގައި ބުނެފައިވެއެވެ. މީގެ އިތުރުން، 2016 ޖެނުއަރީ 1 ން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެކަމަށް32 ވަަނަ މާއްދާގެ (ބ) ގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!