ހއ. ދިއްދޫގައި ޕޯސްޓް ޚިދުމަތް ފެށިގެންދިޔައިރު، ހއ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ މަންފާ ލިބިގެން ދިޔުމަކީ އުންމީދެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ.

މެންބަރު ވަޙީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ދިއްދޫގައި ޤާއިމުކުރި ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރޭ ދެއްކެވި ވާހަކާގަ އެވެ.

Ad
rt

ވަޙީދު ވިދާޅުވީ ރެޔަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެންދާ އުފާވެރި ރޭ ކަަމަށެވެ. އަދި އުންމީދަކީ އެ ޚިދުމަތް ދިއްދޫގައި ފެށިގެންދާއިރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް މި ޚިދުމަތުގެ މަންފާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

''ވަކިން ޚާއްޞަކޮށް ދިއްދޫގެ ރައްޔިތުންނަށް މި ޚިދުމަތުން ފަސޭހަތަކެއް ލިބިގެން ދިޔުން'' ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޚިދުމަތް ފެށިގެންދާއިރުގައި އުފާވާ އެއްކަމަކީ، ޒަމާނީ ފެންވަރުގެ ކުންފުންޏެއްގެ ގޮތުގައި، މޯލްޑިވްސް ޕޯސްޓް ހިންގުމަށްޓަކައި ދިއްދޫގެ ދަރިއަކު އެ ކުންފުނީގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި މަސައްކަތްކުރަށްވާ ކުރެއްވުން ކަމަށެވެ.

"ސަރުކާރުގެ މައިގަނޑު އަމާޒު ހިފާފައި މިހުރީ ލާމަރުކަޒު ކުރުމާއި، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް، މިއަދުގެ ރައީސުލްޖުމްޙޫރިއްޔާގެ މައިގަނޑު ވިސްނުންފުޅަކީ ބާރުތައް ރައްޔިތުންނަށް ދޫކުރުން، ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުން، އެކަމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ދިއްދޫ ރައްޔިތުންގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން'' ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ޚިދުމަތެއް ފެށިގެންދާއިރުގައި ރައްޔިތުންގެ މި ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަކޮށް ޒަމާނީ ވަސީލަތްތަކާއެކު ލިބިގެން ދިޔުމަކީ ވަރަށްބޮޑު އުންމީދަކަށް ވެގެންދާނެ ކަމަށެވެ.

''އަޅުގަނޑަށް ޔަޤީން މިރޭ ހުޅުވިގެންމިދާ އޮފީހަކީ ދިއްދޫ ރައްޔިތުން ވެސް އަދި ހއ. އަތޮޅު ރައްޔިތުން ވެސް އެދޭ އެންމެ ފުރިހަމަ ޚިދުމަތް ލިބިގެންދާ އޮފީހެއްކަމުގައި މި އޮފީސް ވެގެން ދިޔުން'' ވަޙީދު ވިދާޅުވިއެވެ.

އޭނާގެ ވާހަކާގައި ވަނީ ޕޯސްޓްގެ ޚިދުމަތް ދިއްދޫގައި ފެށިގެންދާއިރު، ޕޯސްޓްގެ ޚިދުމަތް ފުޅާކުރުމަށް އެރަށުން ބިމެއް ދޫކުރެވިފައިވާކަން ފާހަގަކުރަށްވާފަ އެވެ. އަދި އެ އޮފީސް ގާއިމުވެގެން ދިޔައިރު، އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ބިމުގައި ޕޯސްޓް އޮފީހެއް، އިމާރާތްކުރެވި، އެ ޚިދުމަތް އިތުރަށް ފުޅާވެ، ޒަމާނީވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ވަޙީދު ވަނީ ދިއްދޫގެ ރައްޔިތުން ޕޯސްޓްގެ ޚިދުމަތަށް ބޭނުންވެފައި ތިބި މިންވަރު ފެނިގެން ގޮސްފައިވާކަމަށް ވިދާޅުވެ، އެރަށުގެ ރައްޔިތުންނަށާއި، ކައުންސިލަށާއި، ޕޯސްޓް ކުންފުނީގެ ވެރިންނަށް ވެސް ޝުކުރު އަދާކުރަށްވާފަ އެވެ.