ޕޯސްޓަލް ނިޒާމްގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސަންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރެވިފައިވާ މެއިލް ކަމަށާއި، އެ ކަމުން ދޭހަކޮށްދެނީ ޕޯސްޓާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ގުޅިފައިއޮތް މިންވަރު ކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ޝަފީޤް މިހެން ވިދާޅުވީ، ހއ. ދިއްދޫގައި އެ ކުންފުނިން ޤާއިމުކުރި ޕޯސްޓް އޮފީސް ހުޅުވުމަށް ރޭ ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރެޔަކީ ޕޯސްޓްގެ ވިއުގަފުޅާކޮށް ޚިދުމަތްތައް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ދިއްދޫގައި ޕޯސްޓްގެ ޚިދުމަތްތައް ދިނުމަށް ރަސްމީ އިދާރާއެއް ގާއިމުކުރެވި ޚިދުމަތްތައް ހުޅުވާލުމުގެ އުފާ ލިބިގެންދާ ރޭކަން ފާހަގަކުރަށްވައި، ޝަފީޤް ވިދާޅުވީ ''މިއަދަކީ ޕޯސްޓްގެ ފަތްފުށަށް އިތުރު ސަފްހާއެއް އިތުރުވެގެންދާ ދުވަހެއް،'' ކަމަށެވެ.

''މިރެޔަކީ އާންމު ޚިދުމަތެއް ތަރައްޤީކޮށް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިޔުންނާ ހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޚިދުމަތުގެ މުހިންމު އަމާޒަކަށް ވާސިލްވެވޭ ރެޔެއް، އެހެންކަމުން އެންމެ އިސްވާޖިބެއްކަމަށް ދެކެނީ ޕޯސްޓްގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ބަހައްޓަވާ އަހައްމިއްޔަތާއި، އެހީތެރިކަން ފާހަގަކޮށް މޯލްޑިވްސް ޕޯސްޓްގެ ޑިރެކްޓަރުންގެ ބޯޑާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާޙަށް ޝުކުރު ދަންނަވަން'' ޝަފީޤް ވިދާޅުވިއެވެ.

ޝަފީޤްގެ ވާހަކާގައި ޕޯސްޓްގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށާއި، ރާއްޖޭގެ ބޭރަށް ފޯރުކޮށް ދިނުމުގައި މޯލްޑިވްސް ޕޯސްޓުން އަދާކޮށްފައިވާ ދައުރަކީ ވަރަށް ތާރީޚީ ދައުރެއްކަން ފާހަގަ ކުރެއްވިއެވެ.

''ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެއްހަމައެއްގައި ޕޯސްޓްގެ ޚިދުމަތް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް، މި އަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި މިއަދުވެސް މޯލްޑިވްސް ޕޯސްޓް ދެމިއޮތްކަމުގައި ދަންނަވަން'' ޝަފީޤް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ މުވާސަލާތީ ނިޒާމަށް އަންނަމުންދާ އިންގިލާބީ އަދި ހަލުވި ބަދަލުތަކާއެކު ޕޯސްޓްގެ ނިޒާމުގެ ތެރެއިން ބަދަލުކުރެވޭ އަސާސީ މެއިލް ވަކިން ޚާއްޞަކޮށް ފަރުދުންނާއި މުވައްސަސާތަކުގެ މެދުގައި ބަދަލުކުރެވޭ ޕާރުސަލް އަދި ރަސްމީ ކޮމިޔުނިކޭޝަންގެ ބޮޑުބަޔެއް މިއަދު މިވަނީ އިންޓަނެޓާއި މޮބައިލް ޓެކްނޮލޮޖީގެ ތެރެއަށް ނަގުުދުވެފައި ކަމަށެވެ.

''ހަމައެޔާއެކު ޓެކްނޮލޮޖީ އުފެއްދި ފުރުޞަތުތަކާއި، އީ ކޮމާސްގެ ސަބަބުން ޕޯސްޓްގެ ނިޒާމްގެ ތެރެއަށް ވަންނަ މެއިލް މިއަދު މިވަނީ އެތައް ގުނައަކުން އިތުރުވެފައި، ފަހިވެފައިވާ އިޤްތިޞާދީ މިފުރުޞަތުތަކުގެ ބޭނުންހިފާ ޚިދުމަތްތަކާއި އޮޕަރޭޝަން ފުޅާކޮށް ތަރައްޤީކޮށް މޯލްޑިވްސް ޕޯސްޓް އެހެން ހަރުފަތަކަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ ސްޓްރެޖިކް އަމާޒެއް، އެ ގޮތުން ޕޯސްޓްގެ ޚިދުމަތްތައް ތަރައްޤީކޮށް ޒަމާނީ ކުރުމުގައި މޯލްޑިވްސް ޕޯސްޓް މިއަދު މިސްރާބުޖަހާފައި ވަނީ ޕޯސްޓްގެ ވިއުގަ ފުޅާކޮށް ޕޯސްޓްގެ އުފެއްދުންތަކުގައި ސިނާއީ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައި، ޕޯސްޓަލް އަދި ނޮން ޕޯސްޓަލްގެ ދާއިރާތަކަށް ޚިދުމަތުގެ ބިންގާ ފުޅާކުރުމުގެ އަމާޒަށް،'' އެމްޑީ ޝަފީޤް ވިދާޅުވިއެވެ.

މީގެއިތުރުން އެކުންފުނިން މިސްރާބު ހިފާފައިވަނީ ޚިދުމަތްތައް ޒަމާނީކޮށް ބަދަލުވަމުންދާ ބޭނުންތަކާއެއްގޮތަށް ތަރައްޤީކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމުގެ އަމާޒަށްކަމަށާއި، އަދި ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ މިއަދުގެ ކޮމިޔުނިކޭޝަން މާކެޓްގައި ރައްޔިތުންނަށް އިތުބާރުލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމުގެ އަމާޒަށް ކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ.

''ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމްގެ ތެރެއިންނާއި، މިފަދަ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގެ ތެރެއިން ހިނގާ ވިޔަފާރި މުޢާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓަލް ނިޒާމްގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސަންޓަކީ އަތޮޅު ތަކަށް އެޑްރެސް ކުރެވިފައިވާ މެއިލް، މިކަމުން ދޭހަވަނީ ޕޯސްޓާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ގުޅިފައިއޮތް މިންވަރު،'' ޝަފީޤް އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ވަގުތެއްގައި ދިއްދޫގައި ޕޯސްޓްއޮފީހެއް ޤާއިމުކުރެވި އަތޮޅުގެ ޕޯސްޓް އޮފީހުގެ ވިއުގަ ފުޅާވެގެން ދިޔުމުގައި، ޚިދުމަތުގެ އަހުލުވެރިންނަށް އޭގެ ސަބަބުން ފަސޭހަތަކެއްލިބި ޚިދުމަތުގެ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާނެ ކަމެއްކަމުގައި ދެކިލައްވާ ކަމަށެވެ.

މީގެއިތުރުން އަތޮޅުތަކުގެ ޕޯސްޓްއޮފީސް ތަކަކީ އެ ޕޯސްޓް އޮފީސްތައް ޤާއިމުކޮށްފައިވާ ރަށްރަށުގައި އެއްފުރާޅެއްގެ ދަށުން ތަފާތު ގިނަގުނަ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކަކަށް ވެގެން ދިޔުމަކީ އެ ކުންފުނީގެ ސްޓްރެޖިކް އަމާޒެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިގޮތުން ޕޯސްޓް ކުންފުންޏާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް ބޭނުންތެރި މުހިންމު ޚިދުމަތްތަކެއް ޕޯސްޓް އޮފީސްތަކުން ފޯރުކޮށްދެވިދާނެ ކަމަށް ޤަބޫލު ކުރެވޭކަމަށާއި، މިކަމުގައި އެއިދާރާތަކާއެކުގައި މަޝްވަރާކޮށް ކުރިއަށް ދެވިދާނެ މަގުތައް ދެނެގަތުމަށް މަސައްކަތް ކުރަށްވަމުންދާކަމަށް ވެސް ޝަފީޤް ވިދާޅުވިއެވެ.

އަމާޒަކީ ޕޯސްޓުން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ތަރައްޤީކޮށް، ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި އެ ޚިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމުގައި ދެމިތިބުންކަމަށް ވެސް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު ޝަފީޤްގެ ވާހަކާގައި ވަނީ ވިދާޅުވެފަ އެވެ.